ޤައުމީ އެއާލައިން މޯލްޑިވިއަނުން އެއާ އިންޑިއާ އާ ގުޅިގެން ވިޔަފާރި ފުޅާކުރަނީ

އެއަރ އިންޑިއާއާއި, ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނާ ދެމެދު ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސެންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ސަރަޙައްދީ އަދި އެތެރޭގެ އުދުހުންތަކުގައި ފަސެންޖަރުން ލިބޭ ފަސޭހަތައް އިތުރަށް ހަރުދަނާ ކުރުމަށް ޤާއިމްކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެއަރ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރުކުރާ ފްލައިޓްތަކުގައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތަކުގައި ދިއްލީއާއި، މުމްބާއީ ފަދަ ސިޓީތަކުން އިތުރު ފަސެންޖަރުން ހޯދުމަށް މަގުފަހިވެގެންދާނޭކަމަށްވެސް ފާހަގަކުރިއެވެ.
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މިއެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރުތައް ކުރުމަށް އިތުރަށް ފަސޭހަވެ، މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދަތުރުކުރާ ފަސެންޖަރުންނަށް ގުޅުންތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނޭ ކަމަށެވެ. އަދި ދެ ޤައުމުގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމާއި ގުޅިގެން އެއަރ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރ ނިޕުން އަގަރަވާލް ވިދާޅުވީ، އެއްބަސްވުމުގެ ފަސިންޖަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބި، ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ދެ އެއަރލައިންގެ ވެސް ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވި، ނެޓްވޯކް ގުޅުންތައް ހަރުދަނާވެ، ދަތުރުފަތުރުގެ ފަސޭހަތައް ލިބި ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅު ވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަނުން އިންޑިއާއަށް އުދުހުންތައް މިހާރު ބާއްވަމުން އަންނަނީ ދެ ސިޓީއަކަށެވެ. އެއީ ކޮޗިން އަދި ޓްރިވެންޑްރަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ