ސްރީ ލަންކާއިން 200 މިލިއަން ޑޮލަރުގެ އަވަސް ލޯނަކަށް އެދިއްޖެ
ވޮޝިންޓަން (6 ޑިސެންބަރު 2025): މީގެ ހަފުތާއެއްހާ ދުވަސްކުރިން ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އަވަސް ލޯނުގެ ގޮތުގައި 200 މިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސްރީލަންކާ ސަރުކާރުން ހުށަހަޅާފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ. އައިއެމްއެފްއިން ބުނީ ސްރީލަންކާ ސަރުކާރުގެ މިހުށަހެޅުމާ ގުޅިގެން އެ ގައުމަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ސްރީލަންކާގައި މިވަގުތު ތިއްބެވި އެ ފަންޑުގެ މިޝަންގެ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ. 'އައިއެމްއެފް' އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން 200 މިލިޔަން ޑޮލަރުގެ އަވަސް ލޯނެއް ސްރީލަންކާއަށް ބޭނުންވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށް އެ ގައުމުގެ ސަރުކާރުގެ ބަޖެޓުން މިހާރު ކުރަން ޖެހިފައިވާ ޚަރަދުތަކުގެ ބޮޑުކަމުން ބަޖެޓަށް ކުރިމަތިވެފައިވާ ޑެފިސިޓް ކުޑަކުރުމަށްޓަކައެވެ. އައިއެމްއެފް އަކީ ގައުމުތަކުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ލޯނު ދޭ ބައިނަލްއަގްވާމީ މާލީ އިދާރާއެކެވެ. ދެހާސް ބާވީސް ވަނަ އަހަރު ސްރީ ލަންކާ މާލީގޮތުން އިނދަޖެހި އިފްލާސްވުމުން އެކަމުން އަރައިގަތުމަށްޓަކައި ވެސް އެންމެ ބޮޑު ލޯނެއް ދިނީ އައިއެމްއެފްއިންނެވެ. އަދި 2023 ވަނަ އަހަރު އައިއެމްއެފްއިން ވަނީ ސްރީ ލަންކާއަށް ތިން ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އައިއެމްއެފްއިން މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތިން ދެ ބިލިއަން ޑޮލަރު ސްރީ ލަންކާއަށް ފޯރުކޮށްދީފައެވެ. ބާކީ އޮތް އެއް މިލިއަން ޑޮލަރު ދިނުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރާއި އެޔާ ޖެހިގެން އަންނަ އަހަރުގައެވެ. މި ލޯން ދިނީ އައިއެމްއެފްއިން ކަނޑައެޅި ހަރުކަށި ޝަރުތުތަކަށް ސްރީ ލަންކާ ސަރުކާރު އެއްބަސްވެ، އެއާ އެއްގޮތަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އަމަލީ މަސައްކަތް ފެށުމުންނެވެ. ޚަރަދުކުޑަކުރުމުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ރައްޔިތުންނަށް ދޭ ސަބްސިޑީތައް ކަނޑާލުމާއި ދައުލަތުގެ ސިވިލްސާވިސް މަގާމުތަކާއި، ސިޔާސީ މަގާމުތައް ވަރަށް ބޮޑަށް މަދުކުރުމާއި ބޭރު ފައިސާ ލިބުން އިތުރުކުރެވޭ ކަންކަމަށް ސަރުކާރުގެ ބަޖެޓު އަމާޒުކުރުމެވެ. މިކަމުގެ ނަތީޖާ އެއްގޮތުން 2024 ވަނަ އަހަރު ސްރީލަންކާ ވަނީ ބަނގުރޫޓުވުމުން އަރައިގަނެ، އިގްތިސޯދީ ގޮތުން ކުޑަކޮށް ނަމަވެސް ކުރިއަރަން ފަށާފައެވެ. އަދި މިއަހަރު ސްރީލަންކާގެ އިގްތިސޯދު ވަނީ 4.3 އިންސައްތާގައި އަލުން ކުރިއަރަން ފަށާފައެވެ. މިއީ ވަރަށް އުންމީދީ ލެވެލްއެކެވެ. ނަމަވެސް މިކަން މިގޮތަށް އޮއްވައި މީގެ ނުވަވަރަކަށް ދުވަސްކުރިން ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި ލިބުނު އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކާއެކު ސްރީ ލަންކާގެ އިގްތިސޯދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ދާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. ތޫފާން ދިތުވާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ހަތް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސްރީ ލަންކާ ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ. މިއާއެކު ސްރީލަންކާއަށް ފަތުރުވެރިން އަންނަ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ދަނޑުތައް ވަނީ ހަލާކުވެފައެވެ. ތޫފާން ދިތުވާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 1.2 މިލިޔަނަށް އަރާއިރު ސްރީ ލަންކާގެ މަގުތަކާއި ރޭލްވޭތަކާއި ހައިވޭތަކުގެ ބޮޑުބައެއްވަނީ ހަލާކުވެފައެވެ. އާންމުންގެ ގެދޮރު ހިމެނޭގޮތަށް ލައްކައަކަށް ވުރެގިނަ އިމަރާތް ވަނީ ހަލާކުވެފައެވެ. އެހާ ގިނަ އިމާރާތްތަކެއްވަނީ މަރާމާތު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ. މި ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސްރީލަންކާ ސަރުކާރަށް ވަނީ އެ ގައުމުގެ އާންމުންނަށް ހިލޭ ބޮޑެތި އެހީތަކެއް ދިނުމަށާއި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއްދޭން މަޖުބޫރުވެފައެވެ. މީގެތެރޭގައި ގެދޮރު މަރާމާތު ކުރުމަށާއި ގެދޮރު އަލުން ބިނާކުރުމަށް ގިނަ ބަޔަކަށް ހިލޭ ބޮޑެތި އެހީ ތަކެއް ދޭންޖެހުމާއި ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި އިންޓްރަސްޓް ކުޑަކޮށްދިނުމާއި ލޯނު ދެއްކުން ފަސްކޮށްދިނުންފަދަ ލުއި ގޮތްތަކެއް ހަމަޖައްސައިދޭން މަޖުބޫރުވުން ހިމެނެއެވެ. މިކަންކަން ކޮށްދިނުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ ބޭންކްތަކަށް އަންގާފައެވެ. ނަމަވެސް މައްސަލައަކީ މިކަންކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވްގައި ނެތުމެވެ. އައިއެމްއެފް އިން އަވަސް ލޯނެއް ނަގަން މަސައްކަތް ކުރަނީ މިބޭނުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ