މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމުން ރާއްޖެއަށް ޑްރަގު އެތެރެކުރުން ހުއްޓުވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދޭން ވަނީ ހިމަނާފަ އެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސުކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒުވާނުން ބާރުވެރިކޮށް، ޑްރަގުގެ ވަބާއިން ވެސް ޒުވާނުން ސަލާމަތްކުރުން ކަމަށެވެ. އަދި ޑްރަގު މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ބޭނުންވަނީ އެކަމުގެ "ރޫޓް ކޯސްއަށް އެޑްރެސްކުރަން" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ރޫޓް ކޯސްއަކީ ކޮބާ؟ އެތެރެ ކުރުން. ޑްރަގު [ރާއްޖެއަށް] އެތެރެނުކޮށް އެ ވިޔަފާރި ނުކުރެވޭނެ ނޫންތޯ. ޑްރަގު އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭން މިހާރު އެ އޮތީ ބިލު ފާސްކޮށްފައި،" މަޖިލީހުގެ 65 މެންބަރުންގެ ވޯޓާ އެކު ފާސްކުރި ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އަދަބެއް ދޭކަށް ނޫން. މިކަހަލަ އަދަބުތައް ކަނޑައެޅީމަ، މިކަން ކުރާ މީހުން މަދުވާނެ... އެކަހަލަ ބޮޑެތި އަދަބު ކަނޑައެޅީމަ ޑްރަގު އެތެރެކުރުން ހުއްޓޭނެ. އެއީ ބޭނުން ނުވާނެ މަރުގެ އަދަބު ލިބޭކަށް. އެހެންވީމަ އެކަހަލަ އަދަބުތައް [ގާނޫނަށް] މި ލަނީ."
ރައީސް ފާހަގަކުރެއްވި ގޮތުގައި، އެގޮތަށް އަދަބުތައް ހަރުކަށި ކުރަނީ އެ އަދަބުތައް ދޭ ހިތަކުން ނޫނެވެ. ނަމަވެސް އަދަބު ދޭން ޖެހިއްޖެ މީހަކަށް ދިނުން އެއީ އޮންނަ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދީނުގައި ވެސް އޮންނަނީ އެހެން، އަދަބުތައް ކަނޑައަޅާފައި އޮންނަނީ ޑިޓަރެންޓެއްގެ ގޮތުގައި. އެކަން ކުރުމާ ދެކޮޅަށް ނުވަތަ އެކަން ހުއްްޓުވުމަށްޓަކައި ހުންނަނީ މިކަހަލަ އަދަބުތައް. އެއީ އަދަބު ދޭ ހިތުން ނުނީ ދޭން ބޭނުންވެގެން ކުރާ ކަމެއް ނޫން. އެކަމަކު އަދަބު ދޭން ޖެހިއްޖެ މީހަކަށް ދިނުމަށް އޮންނަ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ޑްރަގު ކުށްތަކުގައި އުމުރަށް ޖަލަށްލަނީ 25 އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ. މަޖިލީހުން ފާސްކުރި ބިލުގައި ދެން އުމުރަށް ޖަލަށްލުން މާނަ ކުރަން ހިމަނާފައިވަނީ އެ މީހަކު މަރުވަންދެން ޖަލުގައި ބާއްވާ ގޮތަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެ ބަދަލުގެ ވާހަކަ ވެސް ގެންނެވި އެވެ.
"އެހެންވީމަ، މިއީ ނޫންތޯ ހަގީގީ މާނައިގައި ރޫޓް ކޯސްއަށް އެޑްރެސް ކުރުމަކީ. ޑްރަގު މައްސަލަ މި ތަނުން ހައްލުވާނެ. ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވަންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޯޓުތަކުން ވެސް އެއްބާރުލުން މިހާރު ލިބެމުންދެ އެވެ. އަދި ޑްރަގު މައްސަލަތަކުގައި ފަނޑިޔާރުން ވަކި މީހަކަށް ބެލުމެއް ނެތި މިހާރު ހުކުމް ކުރައްވަމުން ގެންދަވާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މަރުގެ އަދަބު ކަނޑައެޅުމުން ޑްރަގު އެތެރެކުރުން ހުއްޓޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ