ދެމަފިރިން ލޯބިން އެކުގަ ދިރިއުޅެން މަސައްކަތްކުރާއިރުވެސް ބައިވެރިޔާގެ އުނިސިފަތަކާ ކުރެވޭ ކުށްތަކުގެމަތިން ހަނދާންވާ ސަބަބާ ޙައްލު!

އެންމެ ގިނައިން ބުނެވޭ އެއްވާހަކައަކަށްވާނީ ދެމަފިރިއަކު ލޯބިން އެކުގައި ދިރިއުޅޭނަމަ ދެމީހުންގެ ދެމެދަށް ވަދެގަންނަން ޝައިޠޯނާއަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެ ވާހަކައެވެ. މިރޭވެސް ފުރަތަމަކަމަކަށް ދައްކައިލަން ޤަޞްދުކުރަނީ އެފަދަ ވާހަކަކޮޅެކެވެ.
ދެމަފިރިއަކު ޒުވާބުނުކޮށް ވަފާތެރިކަމާއިއެކު ލޯބިން ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާނަމަ ދެމެދަށް ވަދެގަނެ "ތޮރުފާލަން" ޝައިޠާނާ އެންމެ ގިނައިން ކުރާނެ އެއް ކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟
އެކަމަޚީ މާޒީ ހަނދާންކޮށްދިނުމެވެ. "ފިރިމީހާ މިވެނި ދުވަހަކު މިވެނި ކަމެއް ކުރި. މިވެނި ބަހެއް ބުނި. އެދުނު މިވެނި ކަމެއް ކޮށެއް ނުދޭ." ހަމަ އެފަދައިން "އަނބީމާ މިވެނި ދުވަހަކު މިވެނި ކަމެއް ކުރި. މިވެނި ބަހެއް ބުނި. އެދުނު މިވެނި ކަމެއް ކޮށެއް ނުދޭ." ކަން ވަރަށް ގިނައިން ހަނދާނަށް ގެނުވާނެއެވެ.
މީސްތަކުންނޭވެ! ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ތަފާތު ކަންތައްތަކެއް ކުރިމަތިވާނެ ދުވަހެކެވެ. ތަފާތު އަޑުތައް ވެސް އިވޭނެއެވެ. ނަމަވެސް އެ ހުރިހާ ކަންކަން ގޯންޏަކަށް އަޅައިގެން ކޮނޑުގައި އުފުލަން ނުއުޅޭށެވެ. އަނެކާ ކޮށްނުދޭ ކަންކަމަށް ނުވިސްނާށެވެ! ކޮށްދީފައިވާ ކަންތައްތަކަށް ވިސްނާށެވެ! ހިތްހަމަ ނުޖެހޭ ގޮތަށް ބުނެފައިވާ ބަސްތަކަށް ނުވިސްނާށެވެ! ހިތް ހަމަޖެހޭ ގޮތަށް ބުނެފައިވާ ބަސްތަކަށް ވިސްނާށެވެ!
 
ކޮށްނުދެވި އޮތް ކަމަކާއިމެދު ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް އެކަން އޮންނާނީ އެއިރު ކޮށް ނުދެވުނު ކަމެއްގެ ގޮތުގައެވެ. އެކަން ބަދަލެއް ނުވާނެއެވެ. ބުނެފައިވާ ކޮންމެ ބަހެއް އޮންނާނީ ބުނެވިފައެވެ. ބުނި ބަހުގެ އަޑު ނުއިވޭ ކަމަކަށް ނުހެދޭނެއެވެ. އެކަންކަމުގައި ބަގުޑި ބެއްދުމަކީ އަމިއްލައަށް ކައްވަޅު ކޮނުން ފަދަ ކަމެކެވެ.
ހަމަ އެއާއިއެކު ދެމަފިރިންވެސް ވިސްނަންވާނެއެވެ! އެކަކު އެދޭކަންކަން ވީހައި އަވަހަކަށް ކޮށްދިނުމަށެވެ. ފަރުވާކުޑަކޮށް ހަނދާން ނައްތައިނުލުމަށެވެ. ކޮށްނުދީ ލަސްކުރެވޭނަމަ ހަނދާން ނެތުންވެސް އޮންނާނީ ދާދި ގާތުގައެވެ. ވީމާ އެ ފުރުޞަތު ނުދޭށެވެ! ހަމައެއާއިއެކު ކިތަންމެ ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވި ނަމަވެސް އަނެކާގެ ހިތުގައި ޖެހޭފަދަ ބަސްތައް ނުބުނާށެވެ! ހިތްހަމަ ނުޖެހިއްޖެނަމަ އެކަން އޯގާތެރިކަމާއިއެކު ހާމަކުރާށެވެ!
ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި ޝަކުވާ ގޯނި ހިފައިގެން ފަހަތުން ހިނގާނަމަ އެދެމަފިރިއެއްގެ މެދުގައި އަބަދުވެސް އޮންނާނީ ޝަކުވާތަކެވެ. ދެބަސްވުންތަކެވެ. އެންމެފަހުން ފެންނާނީ ކައިވެނި ވެސް ރޫޅޭތަނެވެ. ވީމާ ޝކުވާކުރުމުގެ ކުރިން އެއީ ހަމަ ޝަކުވާކުރަންޖެހޭ ކަމެއްކަން ޔަޤީންކޮށްފައި ނޫނީ ޝަކުވާ ނުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ