ރައުދުއަށް 27 ދުވަހުގެ ޖަލު ހުކުމެއް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ދެން ޖަލަށް ދާކަށް ނުޖެހޭނެ ރައުދުއަށް 27 ދުވަހުގެ ޖަލު ހުކުމެއް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ދެން ޖަލަށް ދާކަށް ނުޖެހޭނެ

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
މި މައްސަލާގައި ދައުލަތުން ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. ރައުދު ވަނީ އެ ކުށަށް އިއުތިރާފުވެފަ އެވެ.
ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ދެން އޭނާ ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ. ސަބަބަކީ މީގެ ކުރިން ތަހުގީގު މަރުހަލާގައި އޭނާ 32 ދުވަހު ފުލުހުންގެ ބަންދުގައި ހޭދަކޮށްފައި ވާތީ އެވެ.
ޔުމްނުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެ އެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ފުރަތަމަ ރައުދު ހައްޔަރު ކުރަން ނެރުނު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައި ވެ އެވެ.
އެހެންނަމަވެސް، މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ރައުދުއަށް ނުކުރީ އިޖުރާއަތާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި އޮތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ޖޫން 10، 2025 ގައި އަދަދު އަށް ވިދާޅުވީ ރައުދުގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުލުހުން އަމަލު ކޮށްފައި އޮތީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތާ ހިލާފަށް ކަމަށެވެ.
"އޭރުގައި ފުލުހުން ހާމަކުރީ ޔޫރިން ޕޮޒިޓިވްވި ކަމަށް، އެއަށް ދައުވާ ނުކުރި ސަބަބަކީ ކުޑަކަމުދާތަކެތި ނެގުމުގެ އިޖުރާއަތާ ހިލާފަށް [ފުލުހުން] އޮތީ ނަގާފައި،" ޝަފީއު ވިދާޅުވި އެވެ.
ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުން ނެގީ ޔުމްނު ވެއްޓުނު ހާދިސާއަށް 24 ގަޑިއިރު ވާން ގާތްވެފައި ހުއްޓާ އޭޕްރިލް 19، ގަ އެވެ. ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުން ނެގީ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ގާނޫނު އޮންނަ ގޮތުން [ކުށެއްގެ ތުހުމަތުގައި] ހައްޔަރުގައި ހުންނަ މީހުންގެ ޔޫރިން ނެގޭނީ، ވަކި ހާލަތްތަކެއް މެދުވެރިވެގެން، މިސާލަކަށް ފުލުހުންނާ ދިމާވާއިރުގައި މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ކުރުން، ބޭރުފުށުން ފެންނަންޖެހޭ ތުހުމަތު ކުރެވޭ ސަބަބުތަކެއް، އެ ހުރިހާ ސަބަބުތަކެއް، ގާނޫނުގައި ބުނާ އިޖުރާއަތްތަކެއް ފުރިހަމައެއް ނޫން ޔޫރިންއަށް ދައުވާ ކުރާކަށް،" ޝަފީއު ވިދާޅުވި އެވެ.
ކުޑަކަމުދާތަކެއްޗަށް ޕޮޒިޓިވްވުމުގެ އިތުރުން ހުއްދަ ނެތި ތަނަކަށް ވަނުމުގެ ދައުވާ ވެސް ރައުދުގެ މައްޗަށް ކުރުމުގެ ފުރުސަތު އޮތެވެ. ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީއަކީ ރައުދު އަދި ޔުމްނު އާވެސް އެއްވެސް ގުޅުމެއް ހުރި ގެއެއް ނޫން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ނުކުރީ އެ ގޭގެ ވެރިފަރާތުން އެ މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކުރަން ބޭނުން ނުވާތީ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގު ކުރި އެ ބައި ވެސް، އެކަމަކު ގޭގެ ވެރިފަރާތުން ބުނެފައި އެބައޮތް ދައުވާ ކުރަން ބޭނުން ނުވާ ކަމަށް، އެހެންވީމާ ހެކި ގަރީނާ ނެތީ އެ ދައުވާ ކުރެވޭ ވަރަށް، އެއީ ހުއްދަ ނެތި ތަނަކަށް ވަންނަންޏާމުން [އެ ގޭގެ] ވެރިފަރާތުން އެ ދައުވާ ކުރަން ބޭނުންވަންޏާމުން އެ ދައުވާ ކުރަނީ،" ޝަފީއު ވިދާޅުވި އެވެ.
އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ފެންމަތިވި އެވެ. އެ ގޯސްތައް ސާބިތުވީ މި މައްސަލާގައި ހެދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ވެސް އެ މައްސަލަތައް ފެންނާން ހުރުުމުންނެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން މި މައްސަލާގައި ރައުދު އާއި އެންމެ ފުރަތަމަ ފުލުހުން ސުވާލު ކުރުނުން ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ރައުދު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ