އަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނަން: ސީޕީ

ދިވެހި ރާއްޖޭގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ އަންހެން ފުލުހުންނަށް, ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ, ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް, ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރާ ދިވެހި އަންހެން ފުލުހުންގެ ދުވަހާ ގުޅުވައި, ސީޕީ ނަވީން ދެއްވި މެސެޖުގައި ވިދާޅުވީ އަންހެން ފުލުހުންނަށް, ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައު ކުރައްވާ ކަމަށެވެ. ހަމައެހެންމެ ދިވެހި އަންހެނުން އެ މުއައްސަސާއަށް ކޮށްދެއްވަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް ނަވީން ވިދާޅުވިއެވެ. "އެ ކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރޭ," ނަވީން ވިދާޅުވިއެވެ. ސީޕީ ނަވީން:-- އަންހެނުންގެ ޚިދުމަތް ފާހަގަ ކުރައްވައި ނަވީން އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާ ކަމަށެވެ. އެގޮތުން ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑާޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އެ ޚިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ޚިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް އެ އިދާރާ ހެދުމުގެ މަސައްކަތުގައި އަންހެނުން ކުރާ މަސައްކަތްތައް އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށް ވެސް ނަވީން ވިދާޅުވިއެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް އެތައް އަންހެނުންނެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް އަންހެނުން ގެންދަވަނީ އެ މުއައްސަސާގެ ވަރަށް އިސް މަގާމުތައް ވެސް ފުރުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ