އެމެރިކާއިން އިތުރު 100 ޕަސެންޓް ޓެރިފް ނެގުން: ޗައިނާއިން ވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 ޕަސަންޓް ޓެރިފް ނަގަން ފަށައިފިނަމަ، އެމެރިކާއަށް ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޗައިނާއިން އިންޒާރު ދީފިއެވެ. ޗައިނާއިން އެގޮތަށް ބުނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް މިހާރު ކަނޑައަޅާފައިވާ 30 ޕަސެންޓް ޓެރިފްގެ އިތުރުން 100 ޕަސެންޓް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެންނެވެ. ސަތޭކަ ޕަސަންޓް ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް އިއުލާނުކުރެއްވީ މަދުން ނޫނީ ނުފެންނަ މައުދަންތައް އެކްސްޕޯޓް ކުރުމަށް ގިނަ ދަތިތަކެއް ކަނޑައަޅާނެ ކަމަށް ޗައިނާއިން މިދިޔަ ހަފުތާގައި އިއުލާނުކުރުމާ ގުޅިގެންނެވެ. "އެމެރިކާއިން އެގޮތަށް އަމަލުކުރަމުންދާނަމަ، ޗައިނާއިން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ. ޓެރިފް ހަނގުރާމައަކާ ދެކޮޅަށް ވެސް އަޅުގަނޑުމެން ގެންގުޅޭނީ ހަމަ އެ ސްޓޭންޑެއް. އެއް ފަރާތުން ވާހަކަދައްކާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބިރެއް ވެސް ނުގަނޭ," ޗައިނާގެ ކޮމާސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު އޮންނަ އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ނުތަނަވަސްކަން ހަލުވިކަމާއެކު އިތުރުވުމުން ދާއިރު، ސްޓޮކް މާކެޓް ދަށްވެ، ވިޔަފާރީގެ ހަނގުރާމައެއް އުފެދިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ މަޝްވަރާތަކަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ވެސް ބެލެވެއެވެ. ޓްރަމްޕާއި ޗައިނާގެ ލީޑަރު ޝީ ޖިންޕިންގް ދެ ހަފުތާ ފަހުން ދެކުނު ކޮރެއާގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް މައުދަންތައް އެކްސްޕޯޓުކުރުމުގައި ޗައިނާއިން ކަނޑައެޅި ސިޔާސަތުގެ ސަބަބުން ޓްރަމްޕް ވަނީ އެ ބައްދަލުވުން ބޭއްވޭނެ ކަމާމެދު ޝައްކު އުފެދޭނެ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ސެޕްޓެންބަރު މަހު ދެ ގައުމުގެ ދެމެދުގައި އެންމެ ފަހުން ބޭއްވި ވިޔަފާރީގެ މަޝްވަރާތަކަށް ދެ ހަފުތާ ފަހުން އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ވިޔަފާރީގެ އާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަލާއިރު، މައުދަން އެކްސްޕޯޓުކުރުމުގައި އެޅި ހުރަސްތަކަކީ އަޅަން ހައްގު ފިޔަވަޅުތަކެއް ކަމަށް ކޮމާސް މިނިސްޓްރީން ބުނެއެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ޗައިނާގެ އެތައް ކުންފުންޏެއްގެ ނަން އެކްސްޕޯޓް ކޮންޓްރޯލް ލިސްޓަށް އިތުރުކޮށް، ޗައިނާގެ ބޯޓުތަކަށް ޚާއްސަ ބަނދަރު ފީއެއް ވެސް ނަގަން ފަށާފައެވެ. "އެމެރިކާގެ އަމަލުތަކުގެ ސަބަބުން ޗައިނާގެ މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެގައުމުގެ އިގުތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގެ މާހައުލަށް ބުރޫއަރާފައިވޭ. ޗައިނާއިން މި ފިޔަވަޅުތަކާ ވަރުގަދައަށް ދެކޮޅު ހަދާ،" ތަރުޖަމާނު ވިދާޅުވިއެވެ. އާ ގަވާއިދުގެ ދަށުން ޗައިނާއިން ކަނޑައަޅާފައިވާ އެކްސްޕޯޓުކުރުން މަނާ މައުދަންތަކުގެ ލިސްޓު އިތުރުކުރުމާއި، އަސްކަރީ އަދި ސެމީކޮންޑްކަޓަރު އުފެއްދުމަށް އެ ތަކެތި ބޭނުންކުރުން ހިމެނޭ ގޮތަށް ޗައިނާއިން ބޭރުގައި އެ ތަކެތި ބޭނުންކުރުމަށް ގަވާއިދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެކަމުގެ ސަބަބުން އިލެކްޓްރޯނިކްސް، ސެމީކޮންޑަކްޓާ އަދި ކާރުތަކުން ފެށިގެން ފަޔާ ޖެޓްތައް އުފެއްދުމަށް ވެސް މި މައުދަންތަކަށް ބަރޯސާވާ ދުނިޔޭގެ ސިނާއަތްތަކަށާއި ޓެކް ސަޕްލައި ޗޭންތަކަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ އެ ފިޔަވަޅާ ގުޅިގެން ޓްރަމްޕް އެމަނިކުފާނުގެ ޓްރަތް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ލިޔުއްވާފައިވާ ގޮތުގައި ޗައިނާއިން "ދުނިޔެ އަޅުވެތިކޮށްގެން" ގެންގުޅެގެން ނުވާނެއެވެ. އަދި، މިކަމުގައި ޗައިނާގެ ސިޔާސަތާ ވަރަށް ދެކޮޅުވެރި ކަމަށް ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ