ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހިދާނެ ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހިދާނެ

ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
އަންނަ ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެ ކަމަށް އޯގަސްޓު 26، ގައި އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
އެކަމަކު، ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ހިމަނައިފަ އެވެ.
އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން ރައްކާކޮށްފައިނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
"ސައިޓީސްގެ އެޕެންޑިކްސް ދޭއްގައި ހިމަނައިފިއްޔާ އެހެން ގައުމަކަށް މިޔަރެއް ނުގެންދެވޭނެ. އެއިރުން މަސްވެރިންނަށް ވަރަށް ބޮޑު ގެއްލުމެއްވާނެ. އެއީ މި މަސްވެރިކަން ފަށަން ވެސް ހަރަދުތަކެއް ކުރަންޖެހޭނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި ތިމާވެށީގެ ތަޖުރިބާކާރަކު ބުންޏެވެ.
އެހެންކަމުން، ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ އެ ބާވަތުގެ މިޔަރު ރާއްޖެއިން ބޭރުކުރުން ހުއްދައެއް ނުވާނެ އެވެ. އެއިރުން ކަށިމިޔަރުގެ މަސްވެރިކަން ޖެހޭނީ ހުއްޓާލާށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވީ ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަށަކީ ކަށިމިޔަރުގެ މަސްވެރިކަން މީގެ ކުރިން އެންމެ ފުޅާ ދާއިރާއެއްގައި ކުރި ރަށެވެ.
"މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓުކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓު ޕްލޭނުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ކުރަން ހުޅުވާލާނަން. އެހެންވީމާ 1 ނޮވެމްބަރުން ފެށިގެން އަލުން މި މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަލުން އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމާ އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވާން އަޅުގަނޑު ގޮވާލަން. އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދޭން ބޭނުންވާ ގަވާއިދުތަކާއި ރޭވުންތައް މިހާރު ޑްރާފްޓުކޮށްފައިވާ ކަމަށެވެ.
"މި ސިޓީގެ ރައްޔިތުންނަކީ ހާއްސަކޮށް މީގެ ކުރީގެ ދުވަސްތަކެއްގައި ކުރީގެ ޒަމާނެއްގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމުދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ އަދި ބައެއް އެހެން ކަންކަމާ ހެދި އެކަން ވަނީ ހުއްޓިފަ. އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަރަމަންޓް މިނިސްޓްރީއާ އަދި ގަވާއިދުތަކާ އެއްޗެހި ބަލާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ