ތިންވަނަ އެޓޯލް މެރިން ސިމްޕޯޒިއަމްއާ އެކު ޅަވިޔަނި ޓާޓަލް ފެސްޓިވަލް ފަށައިފި

ތިންވަނަ އެޓޯލް މެރިން ސިމްޕޯޒިއަމާ އެކު މި އަހަރުގެ ޅަވިޔަނި ޓާޓަލް ފެސްޓިވަލް ޅ. ނައިފަރުގައި މިއަދު ފަށައިފި އެވެ.
ތަފްސީލް - އާންމުންނަށް ބައިވެރިވެވޭނެ އެކި ހަރަކާތްތަކާ އެކު، ތިމާވެށި ރައްކާތެރިކުރުމާއި ވެލާ ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން ފަތުރަން ބާއްވާ މި ފެސްޓިވަލްގައި:
ސްޓޯލްތައް އާންމުންނަށް ހުޅުވާލާނީ މާދަމާ 
3000 އަށް ވުރެ ގިނަ މީހުން ފެސްޓިވަލްގައި ބައިވެރިވުމަށް ނައިފަރަށް ދާނެ ކަމަށް ބެލެވޭ 
އެ ސްޓޯލްތަކުގައި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބަލާލައި ތަފާތު ކާނާތަކުގެ ރަހަ ބަލައި ގޭމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ 
ސަލާމަތްކޮށްފައިވާ ވެލާތަކުގެ ހާލަތު ބަލައި އެ ސޮރުމެން ރިހެބިލިޓޭޓުކުރަން ކުރި މަސައްކަތްތައް އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ
ނައިފަރުގެ ޕަބްލިކް ލައިބްރަރީގެ ހޯލުގައި ފެށި މި ފެސްޓިވަލްގެ ފުރަތަމަ ބައި ކަމަށްވާ އެޓޯލް މެރިން ސިމްޕޯޒިއަމްގައި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުގެ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. ސްކޫލު ކުދިން ވެސް ބައިވެރިވި އެ ސިމްޕޯޒިއަމްގައި އެ ޖަމިއްޔާތަކުގެ ފަރާތުން ވަނީ އެކި މައުލޫއުތަކަށް ޕްރެޒެންޓޭޝަން ހުށަހަޅައި އެ ޖަމިއްޔާތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދީފަ އެވެ.
ޕްރެޒެންޓޭޝަންތަކަށް ފަހު ވަނީ ސިމްޕޯޒިއަމްގެ ބައިވެރިންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން، އިކޮލޮޖިކަލް ކަނެކްޓިވިޓީ އެންޑް އޯޝަން ހެލްތު، ކުނިން ކަނޑު ތަގައްޔަރުވުމުގެ މައްސަލަ ހައްލުކުރާނެ ގޮތްތަކާއި ކޮންޒަވޭޝަންގެ ދާއިރާގައި މުޖުތަމައުތަކާއި ޒުވާނުން ބައިވެރިކުރުމާ ގުޅޭގޮތުން ވަކިވަކިން ޕެނަލް ޑިސްކަޝަން ބާއްވާފައިވެ އެވެ.
ޅަވިޔަނި ޓާޓަލް ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ.
މި އަހަރުގެ ފެސްޓިވަލްގައި އަށް އަތޮޅެއްގެ 14 ސްކޫލަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ބ.، ރ.، ނ. އަދި އއ. އަތޮޅު އަދި މާލޭގެ ބައެއް ސްކޫލުތައް ހިމެނެ އެވެ. އެ ދަރިވަރުން ބައިވެރިވާ އެކި މުބާރާތްތައް ވެސް ފެސްޓިވަލްގައި ކުރިއަށްގެންދާނެ އެވެ. މި އަހަރުގެ ފެސްޓިވަލްގައި 18 ޖަމިއްޔާއަކާއި ރިސޯޓުތަކާއި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ