ތުލުސްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ތުލުސްދޫގައި އިޖުތިމާޢީ އަދި ޞިއްޙީ ފައިދާތައް ލިބިގެންދާނެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައިވާ މި މަޝްރޫޢަކީ 5.34 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 4000 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހަދާނެއެވެ. މި މަސައްކަތް ނިންމުމަށް 240 ދުވަހުގެ މުއްދަތެއް އެމްޓީސީސީއަށް ދީފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް، ކޮންކްރީޓް މަސައްކަތްތައް، ފުރާޅުގެ މަސައްކަތްތައް، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް، މޭޝަނަރީ މަސައްކަތް، އަދި ތަޅުންގަނޑާއި ސީލިންގް އަދި ފާރުގެ ފިނިޝިން މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މެކޭނިކަލް އަދި ކަރަންޓުގެ މަސައްކަތްތަކާއި ޕްލަމްބިންގް މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫގައި މި ފެށިގެންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު، އެ ރަށު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މި ސެންޓަރަކީ ރަށުގެ ޒުވާނުންނާއި އާންމުންގެ ފިޓްނަސް ބެހެއްޓުމަށް ބޭނުންވާ މުހިންމު ވަސީލަތެކެވެ.
އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައިފައެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން އަންނަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތުލުސްދޫގެ މި މަޝްރޫޢަކީ ވެސް ރާއްޖޭގެ ރަށްރަށުގައި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް އެމްޓީސީސީން ދެމުންދާ އެއްބާރުލުމުގެ ހެއްކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ