އިންޑިގޯ މައްސަލަ ހައްލެއް ނުވޭ، މިއަދުވެސް 100 އަށްވުރެ ގިނަ ފްލައިޓް ކެންސަލް

މުވައްޒަފުން މަދުވެ، އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯގެ އޮޕަރޭޝަންތަކަށް ބުރޫއަރައި ފްލައިޓްތައް ކެންސަލްކުރާތާ ދިހަ ދުވަސް ވެފައިވާއިރު، މިއަދުވެސް 100 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. އިއްޔެވެސް މުހިންމު ތިން އެއާޕޯޓެއް ކަމަށްވާ ދިއްލީ، ބެންގަލޫރު އަދި މުމްބާއީ އިން 220 ފްލައިޓް ކެންސަލް ކުރިއިރު، އެންމެ ގިނަ ފްލައިޓް ކެންސަލްކޮށްފައި ވަނީ ދިއްލީ އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 137 ފްލައިޓް ކެންސަލްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އިންޑިގޯގެ ޗެއާމަން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފްތާ ގިނަ އަދަދެއްގެ ފްލައިޓް ކެންސަލްވުމުގެ އަސްލު ސަބަބު ދެނެގަތުމަށް އެހީތެރިވުމަށް ބޭރުގެ ޓެކްނިކަލް ތަޖުރިބާކާރުންގެ ޓީމެއް ގެންނާނެ ކަމަށެވެ. ފްލައިޓް ކެންސަލް ވުމުން އެއާޕޯޓުގައި މަސައްކަތް ކުރަނީ. ފޮޓޯ/މިޑް ޑޭ އިންޑިގޯގެ އޮޕަރޭޝަންތައް ހަރުދަނާ ކުރަމުން، ދުވަހުން ދުވަހަށް ހިދުމަތްތައް ރަނގަޅުކޮށް މިހާރު 1،900 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރަމުން އަންނައިރު، 138 މަންޒިލަކަށް އެ ފްލައިޓްތައް ދަތުރުކުރާނެ ކަމަށްވެސް އިންޑިގޯއިން ވަނީ ބުނެފައެވެ. މައްސަލަ ހައްލުނުވެ ދިގު ދެމިގެންދާތީ، އެއާލައިންގެ އޮޕަރޭޝަންތައް 10 ޕަސަންޓަށް މަދުކުރުމަށްވެސް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެ ކުރިން އޭވިއޭޝަން ވޮޗްޑޯގް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން، ޑީޖީސީއޭ އިން ވަނީ އިންޑިގޯގެ ދަތުރުތައް ރަނގަޅަށް އެކަށީގެންވާ ގޮތުގައި ކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ، ފްލައިޓް ޝެޑިއުލް ފަސް ޕަސެންޓް ކުޑަކޮށްފައެވެ. އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ