މިކައުނު ސިފަކޮށްދެއްވަވަމުން ޢިލްމްވެރިއަކު ވިދާޅުވާ އަޑުއެހީމެވެ. "ހަމައެކަނި މިކައުނުގައިވާ ތަރިތަކަށް ނަންދޭން މަސައްކަތްކުރާ މީހަކު ކޮންމެ ތަރިއަކަށް ކޮންމެ ސިކުންތަކު ނަމެއް ދިނަސް 300 ޓްރިލިއަން އަހަރުންވެސް ހުރިހާ ތަރިތަކަށް ނަންދީ ނުނިމޭނެއެވެ. މާނައަކީ އެހައިވެސް ގިނައެވެ.
އެބަޔާން ކުރައްވަނީ ހަމައެކަނި އަހަރެމެން ދިރިމިއުޅޭ މިކައުނުގެ ވާހަކައެވެ. މިފަދަ ކިތައް މިލިއަން ކައުނުވާކަން އެނގެނީ ކާކަށް ހެއްޔެވެ؟
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ފުރަތަމަ އުޑުން ދެވަނަ އުޑާއި ދެމެދުގައި 500 އަހަރުގެ ރާސްތާއެއްވެއެވެ. އަދި 7 އުޑުންވެސް މަލާއިކަތަކު ސަޖިދައިގައިނުވާ 4 އިނގިލީގެ ބޮޑުމިން ފެނިވަޑައިގެންފައިނުވާ ކަމަށްވެސް ޙަދީޘްފުޅުގައިވެއެވެ.
މިފަދަ މަތިވެރިވަންތަ، ކުޅަދުންވަންތަ ﷲ ތަޢާލާ ޢާއިމެދު މިއަދު ބައެއް މީހުންނަށް ވިސްނިގެން މިއުޅެނީ ހައުދަގައިވާ ނުބައިކޮށެވެ. ދުވަސްކޮޅަކު އަޅުކަންކޮށްލާފައި، ފަޤީރަކަށް ޞަދަޤާތެއް ދީފައި ދެން މި ޤަބޫލުކުރަނީ ﷲ ތަޢާލާ ތިމާއަށް ދަރަނިވެރިވެވޮޑިގެންފައިވާ ކަމަށެވެ. ތިމާ އެދޭހައި ކަމެއް ޙާޞިލްކުރެވެން ޖެހޭނެ ކަމަށެވެ.
މީސްތަކުންނޭވެ! މިފަދަ ނުބައި ވިސްނުންތައް ދޫކޮށްލާށެވެ. އެފަދަ ވިސްނުންތަކާއި ދުރުހެލިވާށެވެ. ތިމާއަކީ އެއްވެސް ބުރަދަނެއް ހުރި މީހެއް ކަމުގައި ހީނުކުރާށެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި މުޅި ދުނިޔޭގެ ބުރަދަނުގައިވެސް މަދިރިއެއް ނުވަތަ މެއްސެއްގެ ފިޔައިގައި ހުރި ބުރަދަންވެސް ނެތްކަން އެނގެން އެބައޮތެވެ. ވީއިރު އެންމެ އިންސާނެއްގެ ބުރަދަން ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟ ކުރިން މިބަޔާންކުރި ދުނިޔޭގެ ބުރަދަން މިހާމަކުރީ ދުނިޔޭގައި އުޅޭކަމަށް ބެލެވޭ 7 ބިލިއަން މީހުންވެސް ހިމެނޭ ގޮތަށް ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް ހިމަނައިގެންނެވެ.
ﷲ ތަޢާލާއީ " اللَّهُ الصَّمَدُ "އެވެ. " ﷲއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." (އަލް އިޚްލާޞް : 2)
ވީމާ އަހުރެމެންނަށް އޮތީ އަހުރެމެންގެ ދެރަ ނިކަމެތިކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިވާން މަސައްކަތްކުރުމެވެ. ބޮޑާވެ ކިބުރުވެރިވުމެއް ނެތެވެ. ނަރަކައިން މިންޖުވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
ހަތް އުޑާއި މި ކައުނާއިމެދު ހަމައެކަނި މިކަންކަމަށް ވިސްނައިލިޔަސް އެމީހަކަށް ލިބޭނެ ޙައިރާންކަމުގެ ބޮޑުކަން އިޙްޞާޞްވެސް ނުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ