ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމަށް، ޗައިނާއާއި އޮސްޓްރޭލިއާ ޔުނިވާސިޓީތަކުން މައުލޫމާތު ދެނީ

ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ދިވެހިބަހާ ބެހޭ ވުޒާރާއިން ސެމިނާއެއް ފަށައިފިއެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ މިއަަދު ފަށައިފައިވަނީ ސެމިނާގެ ދެވަނަ ބައި ކަމަށެވެ. އެގޮތުން ސެމިނާގެ ފުރަތަމަ ބައި، މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގް ޔުނިވާސިޓީ އަދި އޮސްޓްރޭލިއާގެ އާރްއެމްއައިޓީ ޔުނިވާސިޓީން ގުޅިގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އެ ސެމިނާގައި މަޢުލޫމާތު ދޭނީ އެ ދެ ޔުނިވާސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ. ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާރުގެ ދެވަނަ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ/ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މިއީ ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް ހިރުޖަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މި ސެމިނާގެ މައިގަނޑު މަގުސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތައް ފޯރުކޮށްދިނުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ހަމަ އެހެންމެ، އެ ވުޒާރާއިން ބުނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތުތައް މި ސެމިނާގެ ޒަރިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ އެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "މޯލްޑިވްސް 2.0"ގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އެ މަނިކުފާނު ވަނީ ދިވެހި ސަރުކާރުގެ ހުރިހާ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ