އިންސާނީ ހައްގުތަކަށް ގޮންޖެހުމަށްފަހު ޖަރުމަނުން އިސްރާއީލަށް އަނެއްކާވެސް ހަތިޔާރު ފޯރުކޮށްދެނީ
ބާލިން (18 ނޮވެންބަރު 2025) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމުތަކާ އަދި ނަސްލު ނައްތާލުމުގެ ބިރުވެރި ކަތިލުންތަކާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ވިއްކުން ދުވަސްކޮޅަކަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް އިސްރާއީލަށް ހަތިޔާރު ވިއްކަން ފެށުމަށް ޖަރުމަނުގެ ސަރުކާރުން ނިންމުމުން އިންސާނި ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުށްވެރިކޮށްފިއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމުތަކާ އަދި ނަސްލު ނައްތާލުމުގެ ބިރުވެރި ކަތިލުންތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް އެ ޖަރީމާތައް އަމަލީގޮތުން އިސްރާއީލު ހުއްޓާނުލާ ކަމުގައެވެ. މި ހާލަތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ދިފާއީ ބޭނުންތަކަށް ހަތިޔާރު ފޯރުކޮށްދިނުންކަމަށް ނުބެލެވޭނެ ކަމަށާއި މިއީ އިސްރާއީލުން އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ޖަރީމާތަކަށް ވާގިވެރިވެ އެކަމަށް ހިއްވަރުދިނުން ކަމަށް ބެލެވޭނެކަމެއްކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ޖަމްއިއްޔާ ތަކުން ވަކިވަކިން ނެރުނު ބަޔާންތަށް ބުނެއެވެ. ޣައްޒާގެ އިތުރުން އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް ފަލަސްތީނު މީހުން މަރައި އެމީހުންގެ ގެދޮރު ހަލާކުކުރުން ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ. އަދި ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް އިސްރާއީލު ވަޒަންވެރިކޮށްފައިވާ ބޭރުގެ ޔަހޫދީ ވަޒަންވެރިން (ސެޓްލާސް) އިން ގެންދަނީ ފަލަސްތީނު ރައްޔިތުންނަށް ބަޑިން ހަމަލާދީ އެމީހުން މަރައި ފަލަސްތީނު މީހުންގެ ދަނޑުތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި ގެދޮރަށް އަރައިގަތުންފަދަ ލާއިންސާނީ އަދި ބާބެރިކް ޖަރީމާތައް ހިންގަމުންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމު އިސްރާއީލު ގަދަބާރުން ވެރިވެގެނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ވަޒަންވެރިން ހިންގާ މިޖަރީމާތަކަށް އެމީހުންނަށް އަދަބު ނުދޭއިރު އިސްރާއީލު ސިފައިންނާއި އިސްރާއީލު ސަރުކާރުގެ އިސް ސިޔާސީ ވެރިން އަޑީގައި ތިބެ މިފަދަ ޖަރީމާތައް ހިންގުމަށް ޔަހޫދީ ވަޒަންވެރިންނަށް ހިތްވަރު ދޭކަމަށް ފަލަސްތީނުންނާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ ބިތަސްލީމް ޖަމާއަތުން ވަނީ ތުހުމަތުކޮށްފައެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފޫލް ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ޖަރުމަނުން އިސްރާއީލަށް ވިއްކާ ހަތިޔާރުން ޣައްޒާއަށް ހަމަލާދިނުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެ އޭނާ ވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ޖަރުމަނަކީ އިސްރާއީލުގެ ލާއިންސާނި ޖަރީމާތަކަށް ހަތިޔާރުފަދަ ވަސީލަތްތަކުން އެންމެ ބޮޑަށް ވާގިވެރިވާ ޔޫރަޕްގެ ގައުމެވެ. އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްވެސް ސްޕޮންސާ ކުރާކަމުގެ ކަމުގެ ތުހުމަތު އެމެރިކާއަށްފަހު ދެން އެންމެ ބޮޑަށް ތުހުމަތު ކުރެވެނީވެސް ޖަރުމަނުގެ މައްޗަށެވެ. ޖަރުމަނީ މީހުން މެރުމާއި ގަތުލުއާންމުތައް ހިންގުމުގެ ބޮޑު ތާރީޚެއް އޮތް ކުރީގެ އިސްތއިއުމާރީ ބާރެކެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމުތަކާ އަދި ނަސްލު ނައްތާލުމުގެ ބިރުވެރި ކަތިލުންތަކާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ވިއްކުން ޖަރުމަނުން ހުއްޓާލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެކުރިން ހުއްޓުމެއްނެތި ޖަރުމަނުން ގެންދިޔައީ އެމެރިކާއެކޭ އެއްގޮތަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. ޖަރުމަނުން އިންސާނީ ހައްގުތަކާ ޚިލާފަށް އިސްރާއީލަށް ވާގިވެރިވެ އެހީތެރިވާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ އެގައުމުގެ ކޯޓުތަކަށް މައްސަލަވެސް ހުށަހަޅާފައެވެ. ހަތިޔާރުގެ ވިޔަފާރިއާއި އަސްކަރީ ދިރާސާތައް ކުރާ ޔޫރަޕްގެ މަރުކަޒެއްކަމަށްވާ "ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް ސެންޓަރު" ގެ ރިޕޯޓްތައް ބުނާގޮތުން 2019ވަނަ އަހަރާއި 2024 އަހަރާ ދެމެދު އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދީފައިވާ އެއްވަނަ ގައުމަކީ އެމެރިކާއެވެ. ދެވަނަ ގައުމަކީ ޖަރުމަނެވެ. އިސްރާއީލަށް ބޭނުންވާ ހަތިޔާރުގެ 30 އިންސައްތަ ފޯރުކޮށްދީފައިވަނީ ޖަރުމަނުންކަމަށް "ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް ސެންޓަރު" ގެ ރިޕޯޓްތަކުން ހާމަވެއެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ގުޅިގެންވެސް އެމެރިކާއަށް ކުރިމަތިވި ފިއްތުންތަކާ އެކުވެސް އެމެރިކާވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އެއްވެސް ވަރަކަށް ހުއްޓާލުމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. އިސްރާއީލަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ތުހުމަތު ކުރެވިފައިވާ ގައުމަކަށްވާތީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެފައިވާ އިސްތިއުމާރީ ގައުމެކެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ އިސްރާއީލުގެ ބޮޑުވަޒީރާއި އެގައުމުގެ ބައެއް އިސްވެރިން ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރާ އެމެރިކާފަދަ ހުޅަނގުގެ ބައެއް ބާރުތަކުން ގެންދަނީ މި އަމުރަށް ގޮންޖަހައި އިސްރާއީލުގެ ދިފާއުގައި ބައިނަލްއަގްވާމީ ކޯޓަށް ބިރުދައްކައި އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަދުލު އިންސާފަށް ހުރަސް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ