ބްރާ ތެރޭގައި ފޮރުވައިގެން ޑްރަގު އުފުލި ދިވެހި އަންހެނަކު 50 އަހަރަށް ޖަލަށް

ބްރާ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި، ގެންދިޔަ، ކުޅުދުއްފުށީ އަންހެނަކު 50 އަހަރަށް ޖަލަށްލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، 2024 ވަނަ އަހަރުގެ ޖޫން މަހު، ހަނިމާދޫ މަގުން ދަތުރު ކުރި ކުޅުދުއްފުށީ އަންހެނެއްގެ ބްރާ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. މި މަހުގެ 16 ވަނަ ދުވަހު މި މައްސަލަ ނިންމީ ކުޅުދުއްފުށީ ކޯޓުންނެވެ. ކުޅުދުއްފުށީ، ކޮށީގެ އާމިނަތު ލަމްހާގެ މައްޗަށް މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ، ޖަދުވަލު އެކެއް ގައިވާ މަސްތުވާތާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ، ހަނިމާދޫއަށް ދަތުރުކުރިއިރު، ލަމްހާ އަޅައިގެން ހުރި ބްރާގެ ވައަތް ފަރާތު ކަޕް ތެރެއިން ނެގި ހުދު ކުލައިގެ ޓިޝޫ އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި މެޓަމްފެޓަމިން ރެސިމޭޓް ހުރުމުންނެވެ. އެއީ، ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ މަސްތުވާ އެއްޗެކެވެ. ލަމްހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވަނީ، އެ ދުވަހު އޭނާ އަޅައިގެން ހުރި ބްރާގެ ކަނާތް ފަރާތު ކަޕްތެރޭގައި ފޮރުވައިގެން ޑައިމޯފިން ޓްރެފިކް ކުރުމުންނެވެ. އަންހެން މީހާ ހައްޔަރު ކުރީ ހަނިމާދޫ އެއާޕޯޓުންނެވެ. މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް ލަމްހާވަނީ ކުށަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާ ކަމަށް ޝަރިއަތުން ނިންމީއެވެ. މި ދެ މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައިވެސް ލަމްހާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މާނައަކީ ޖުމްލަ 50 އަހަރަށް ޖަލަށްލުމާއެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އެކަމަކު މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން، 50 އަހަރުގެ ތެރެއިން 60 ދުވަސް އުނިވާނެއެވެ. އެހެންކަމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 49 އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ