ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ސައުދީ އަރަބިއްޔާގެ ޚަރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ހޫޘީން އެ ގައުމުގެ މައްޗަށް ކުރާ ތުހުމަތުތަކާއި، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ބުނާ ބުނުންތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ވިދާޅުވެފައި ވަނީ ސައުދީގެ މި ނިންމުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ.އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް ފާހަގަކުރާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.
ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ