ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ސިފައިންނަށް: ރައީސް

ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، އެހެންކަމަށްވުމާއެކު، ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުން ކަމުގައި ސިފަކުރައްވާ، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުން ވެސް މުހިންމުކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ