މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ދިވެހިންގެ ލަގެޖްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ޓެގެއް ބޭނުންކުރުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލަގެޖުގައި ހަރުކުރެވޭ ޚާއްޞަ ޓެގަކީ ޕާސްޕޯޓާއި ލިންކު ކުރެވިގެންދާނެ ޓެގެއް ކަމަށާއި، މިގޮތަށް ލިންކު ކުރެވުމުން ލަގެޖު ސްކޭންކޮށްލުމާއެކު އެއީ ކޮން ޙާޖީއެއްގެ އެއްޗެއްކަމާއި، އެ މީހަކު ހުންނަނީ ކޮން ހޮޓަލެއްގެ ކޮން ކޮޓަރިއެއްގައިކަން ވަގުތުން އެނގިގެންދާނެއެވެ.
ޙައްޖު މިޝަނުން ބުނެފައިވަނީ، މި ބަދަލަކީ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ ސަޢުދީ ޕޯސްޓްގެ އެޖެންޓާއެކު ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން މިހާރު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވައި، ކަންކަން ރާވާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ކަމަށް ހައްޖު މިޝަނުން ބުނެފައިވެއެވެ.
މި ބައްދަލުވުމާއިގުޅޭ މައުލޫމާތު ހިއްސާކުރަމުން ހައްޖު މިޝަނުން ބުނެފައިވަނީ، މި ބައްދަލުވުމަކީ މި އަހަރުގެ ޙައްޖު މޫސުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށާއި، އަދި ޙައްޖު ދަތުރަކީ ގިނަ ބަޔަކު އެއްފަހަރާ ދަތުރުކުރާ، އަދި ލަގެޖު ގެއްލުމުގެ ހާދިސާތައް އާންމުކޮށް ހިނގާ ދަތުރަކަށް ވުމާއެކު، ހާޖީންނަށް މިފަދަ ޒަމާނީ ޓެކްނޮލޮޖީއެއް ތަޢާރަފުކުރުމުން ހާޖީންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ހައްޖު މިޝަނުން ބުނެފައިވެއެވެ.
މިއަހަރު ދިވެހި ޙައްޖުވެރިންގެ ލަގެޖުތައް އުފުލުމުގެ އެންމެހާ ކަންކަން ބަލަހައްޓާނެ މައިގަނޑު އެޖެންޓަކީ ސަޢުދީ ޕޯސްޓްގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީއެވެ. އައު އިންތިޒާމުތަކުގެ ދަށުން، ސަޢުދީ ޢަރަބިއްޔާގެ އެއާޕޯޓުން ފެށިގެން ޙައްޖުވެރިން ތިބޭ ހޮޓާތަކާ ދެމެދު ލަގެޖުތައް އުފުލުމުގެ ޚިދުމަތް ދޭނީ ސީދާ މި އެޖެންޓް މެދުވެރިކޮށެވެ. އަދި ލަގެޖުގައި ހަރުކުރެވޭ ޚާއްޞަ ޓެގު، ޙައްޖުވެރިޔާގެ ޕާސްޕޯޓާ ލިންކްކުރެވިފައި ހުރުމުން، ކޮންމެ ލަގެޖެއްވެސް އޭގެ ޙައްޤުވެރިޔާއަށް އޮޅުމެއްނެތި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.
ޙައްޖުވެރިންގެ ލަގެޖު ރައްކާތެރިކުރުމަށް ޚާއްސަ ޓެގެއް ބޭނުންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ