ސަރުކާރުގެ ބޮޑު ތިން ކުންފުންޏެއްގެ ޑޭކެއާ ސެންޓަރުތައް ބަންދުކުރި ސަބަބު ހޯދަން އެދިއްޖެ

ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންގެ ދަރިން ބެލުމަށް ގާއިމުކޮށްފައިވާ ޑޭކެއާ ސެންޓަރުތައް ބަންދުކުރި ސަބަބު ހޯދުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފިއެވެ. އެމްޕީއެލާއި އެޗްޑީސީއާއި ސްޓެލްކޯއިން މުވައްޒަފުންގެ ދަރިން ބެލުމަށްޓަކައި ގާއިމްކުރި ޑޭކެއާ ސެންޓަރުތައް ބަންދުކުރިކަން އެ ކުންފުނިތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. https://sun.mv/221326 ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ކުޑޫ ފޮނުއްވި ސިޓީގައިވާ ގޮތުން، ސްޓެލްކޯގެ ޑޭކެއާ ސެންޓަރު ބަންދުކުރީ މާރިޗު ހަތެއް، 2024ގައެވެ. އަދި އެޗްޑީސީގެ ޑޭކެއާ ސެންޓަރު އޭޕްރިލް ތިނެއް، 2024ގައި ބަންދުކުރިއިރު، އެމްޕީއެލްގެ ޑޭކެއާ ސެންޓަރު ބަންދުކުރި ތާރީޚު ނޭނގެއެވެ. ކުޑޫގެ ސިޓީގައިވަނީ، އެ ތިން ކުންފުނީގެ ޑޭކެއާ ސެންޓަރުތަކަކީ އަންހެން މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި، ކުދިންގެ ކެއުން ބުއިމާއި ކިޔެވުން ފަދަ އިންތިޒާމުތަކާއެކު ހިންގަމުން އައި ތަންތަނެވެ. އެ ތަންތަން ބަންދުކުރުމުގެ ސަބަބުން މުވައްޒަފުންނަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް، ކުޑޫ ލިޔުއްވާފައިވެއެވެ. "މިފަދަ ޚިދުމަތްތަކަކީ އެތައް މައިންބަފައިންނަކަށް ލުއި ފަސޭހަތައް ފޯރުކޮށްދެމުން ދިޔަ ތަންތަންކަމުން، އާންމުކޮށް އެންގުމެއްނެތި ބަންދުކުރުމުން އޭގެ ދަތި އުނދަގޫ އެ ޚިދުމަތް ހޯދަމުން ދިޔަ މައިންބަފައިންނަށް ދަނީ ފޯރަމުންނެވެ،" އެ ސިޓީގައިވެއެވެ. އެހެންކަމުން، ކުޑޫ ވަނީ، އެ ކުންފުނިތަކުގެ ޑޭކެއާތައް ބަންދުކުރި ސަބަބާއި، އެ ތަންތަން ހުޅުވާނެތޯ ނުވަތަ ނޫންތޯ، އަދި ހުޅުވާނަމަ، ހުޅުވާނެ ތާރީޚެއް މަޖިލިސް މެދުވެރިކޮށް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެމްޕީއެލާއި އެޗްޑީސީއާއި ސްޓެލްކޯގެ ޑޭކެއާ ސެންޓަރުތަކަކީ ވެސް މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި، ކުދިންނަށް ބޭނުންވާ ނަމާދުކުރުމާއި، ކިޔެވުމާއި، ކެއުމުގެ އިތުރުން މުނިފޫހިފިލުވުމުގެ އިންތިޒާމުތަކާއެކު ހިންގަމުން އައި ތަންތަނެވެ. މި ތަންތަން ބަންދުކުރުމާ ގުޅިގެން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ