އަރަބިއްޔާ ސްކޫލް, މިހާރު ދަރުމަވަންތަ ހުރި ތަނަށް ބަދަލުކުރުމަށް މަޝްވަރާ ކުރަނީ

ދަރުމަވަންތަ ސްކޫލް އައު އިމާރާތައް ބަދަލުކުރުމާއި އަރަބިއްޔާ ސްކޫލް, މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުން އަންނަ އިމާރާތަށް ބަދަލުކުރުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީއިން ފަށައިފިއެވެ.
މިނިސްޓްރީއިން ބުނެފައިވަނީ މަޝްވަރާތައް ނިމުމުން މިކަމާގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރާނެކަމަށެވެ.
އަރަބިއްޔާ ސްކޫލް ހިންގުމަށް އައު އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވުމުގެ ސަބަބުން އަރަބިއްޔާގެ ދަރިވަރުން މިވަގުތު ތައުލީމު ފުރިހަމަ ކުރަމުން ދަނީ ވަގުތީ އިމާރާތެއްގައެވެ. ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތަށް، މާލެ، ހުޅުމާލެ ފެރީ ޓާމިނަލް ޖެހިގެން ވަގުތީ ގޮތުން އެޅި އިމާރާތެއް މިވަގުތު ސްކޫލެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އަސާސީ އެތައް ހައްގަކުން މަހުރޫމްވެ ތިބެކަމަށް އަރަބިއްޔާ ބެލެނިވެރިން ބުނެއެވެ.
2023 ވަނަ އަހަރަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ފުރަތަމަ އަރަބިއްޔާގެ އައު ސްކޫލު އިމާރާތުގެ ހަރަދުތަކުގެ ތަފްސީލު ހިމެނިފައި ނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނަމަވެސް ގިނަ ބަޔަކު ވަނީ ހަމައެކަނި އެންމެ ކަމެއް އުނިވުން އެއީ އިއްތިފާގެއް ނޫންކަމަށް ބުނެފައެވެ. ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށާއި، އަބަދު ހާލުގައި ޖެހޭ ސްކޫލަކީ އެއީކަމަށް ބުނި ނަމަވެސް ޑރ. އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށެވެ. އަދި ސްކޫލު މަގުމަތި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ދެކެވޭ ވާހަކައުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.
ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އެކު ވަނީ ސޮއިކޮށްފައެވެ. 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ތަނުގައި އަރަބިއްޔާ ސްކޫލުގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެއެވެ. އަދި ޖަމާލުދީނުގެ ބައެއް ތަނުގައި އަޅަނީ، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރާތީީއެވެ. އެކަމަށް ބޭނުންވާ 34 ކުލާސް ރޫމް ބާޖަމާލުއްދީން ބިމުގައި އަޅާނެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ސްކޫލުތައް އެއްދަންފަޅިއަށް ހިންގުމާއި އެކު، 25،000 އަކަފޫޓަށް ވުރެ ބިން ކުޑަ ނުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ