ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ފެންނަން ހުރި ހިސާބުތަކަށް ބަލައިނަމަ، ރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ފިޗުން ރާއްޖެއާ ގުޅޭގޮތުން ދެމެހެއްޓި ރޭޓިން އިން ބުނެދޭ ވާހަކައަކީ، މާލީ ގޮތުން ސަރުކާރުގެ އަމަލުތައް އިސްލާހުނުކުރާ ނަމަ ދެ އަހަ ތެރޭ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތްކަން ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ތިބޭ މީހުން އެކަމަކު މި ގަބޫލުކުރާ ގޮތުގައި، ރާއްޖެ އޯލްރެޑީ މިއޮތީ، ޓެކްނިކަލީ ބަނގުރޫޓުގެ މާނައަށް ބަލާކަމަށް ވަންޏާ،" ޔާމީން ވިދާޅުވި އެވެ. "އިގްތިޞާދުގައި ބޭންކްރަޕްސީ ނޫނިއްޔާ އިންޓަނޭޝަނަލް އިކޮނޮމިކްސްގައި ބޭންކްރަޕްސީގެ މާނައަށް ބަލާކަމަށް ވަންޏާ ރާއްޖެ މި އޮތީ ބޭންކްރަޕްޓްވެފައި."
މި ސަރުކާރަށް ތަކުރާރުކޮޑށް ވަރަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވީ، ރާއްޖެއަކީ ބަނގުރޫޓްވެފައިވާ ގައުމެކޭ ބުނުމުގެ ޖާގަ އޮތީ، ބޭރަށް ދައްކަން އޮންނަ ދަރަނި ނުދެއްކޭ މިންވަރަށް ރާއްޖޭގެ ރިޒާވް ދަށްވެފައި އޮތުމުން ކަމަށެވެ. އަދި އެ ލޯނުތަކުގެ ފައިސާ އަނބުރާ ލިބޭ ފަރާތްތައް ނުވަތަ ގައުމުތަކުން އެކަން އިއުލާނު ނުކޮށްފާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖެ އިން އެންމެ ބޮޑު ދަރަންޏެއް އަނބުރާ ދައްކަން އޮތީ އިންޑިއާ އާއި، ޗައިނާއަށް ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ ގައުމުތަކުން ވެސް މި ހާލަތުގައި ރާއްޖެއާ މެދު އަދި އޮތީ ވަރަށް ކެތްތެރިކޮށް ކަމަށެވެ. އެކަމަކު ދަރަނި އަނބުރާ ހޯދުމަށް އަވަސް އަރުވައިލައިގެން އުޅޭ ތަން ނުފެންނީ އެ ދެ ގައުމުގެ ފަރުދުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ޗައިނާ ވެސް ވަރަށް ޓޮލަރަންޓް ވަރަށް ވަގުތު ދީގެން މި ދަނީ. އިންޑިއާ ވެސް ހަމަ ޕެއިންސްޓޭކިންލީ ޓޮލަރަންޓް އިނގޭތޯ،" އެ މަނިކުފާނު ވިދާޅުވި އެވެ. "ނޫޅޭ ހަމަ، ފައިސާ ޝޯޓް ކޯލެއްގައި ގެންނާކަށް ނޫޅޭ. އެހެންވީމާ ސަވައިވް ވަނީ."
ޔާމީން ވިދާޅުވީ ހާލަތު މިގޮތަށް އޮތް އިރު، އިގުތިޞާދީ ގޮތުން މާ ބޮޑެތި ކަންކަން އޮޅުން ނުފިލާ ބަޔަކު، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތައުރީފް ކުރުމުގެ ގޮތުން، ހާލަތުގެ އަސްލު ފޮރުވޭ ވާހަކަ ދެއްކުމަކީ އެެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ހިސާބުތަކެއް. ހިސާބު އަކުރެއް ދޮގެއް ނުހަދާނެ އިނގޭތޯ." ޔާމީން ވިދާޅުވި އެވެ.
ފިޗުން މިދިޔަ އޮގަސްޓް 27 ގައި ރާެއްޖެ އަށްދިން 'ސީސީ' ރޭޓިން ރިވިއުކުރުމަށް ފަހު، އެ ރޭޓިން ދަމަހައްޓަން އިއްޔެ ނިންމާފައިވެ އެވެ. އެ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ.
ރާއްޖެ އޮތީ ބަނގުރޫޓްވެފައި: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ