އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިޞްލާޙުގެ ދަށުން ކުރިއަށްގެންދާ އައްޔަންކުރުމެކެވެ.
އިޞްލާޙު ގެނެވުނު ޤާނޫނުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް މި މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން މި މަޤާމުތަކަށް މެންބަރުން ހޮވަމުން އައީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުކަމެވެ. މިހާރު މި ދެ ބޭފުޅުން ކޮމިޝަނުގެ އެންމެ އިސް މަޤާމުތަކަށް އައްޔަންކުރުމަށް ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށްޓަކައި ކޮމިޓީން ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އީސީގެ ރައީސަކަށް ޒާހިދު، ނައިބު ރައީސަކަށް ޞަލާޙް ރަޝީދު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ