އަދުލް އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަށް އެދިވަޑައިގެންފައި ވަނިކޮށް އެ ފުރުސަތު ނުދޭން ކޮމިޓީން އިއްޔެ ނިންމުމާ ގުޅިގެންނެވެ.
"އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ނެތްކަން މިކަމުން އެކަނިވެސް ދަލީލުކޮށްދޭ،" ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.
"ރޖ [ރައީސުލްޖުމްހޫރިއްޔާ] ބޭނުންވާ ގޮތާ ހިލާފަށް އިނގިލި ހިއްލައިލިޔަސް ފިޔަވަޅު އަޅާނެކަން [ހިތަދޫ މެދު ދާއިރާގެ މެންބަރު] އަޒާނުއާމެދު ކަންކުރި ގޮތުން އެނގޭ. އެހާ ބާރު އޮތްއިރު، އިންސާފަށް ކަމެއް ގެންދިޔުމަށް އެއްވެސް ލޯތްބެއް ނެތް."
މަޖިލީހުގެ ކޮމިޓީތަކުންނާއި މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކުރީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީއެންސީގެ މެންބަރަކު ހުށަހެޅުއްވި ބިލް ފާސްކުރަން ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑަޝިޕުން އަންގާފައިވަނިކޮށް، އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އެ ބިލް ފާސްކުރަން އަޒާން ވޯޓު ނުދެއްވުމުންނެވެ.
ފެބްރުއަރީ 26، 2025 ވަނަ ދުވަހު އެ ބިލް ފާސްކުރަން ނެގި އެ ވޯޓުގައި ބައިވެރިވެވަޑައިނުގަތުމަށް އަޒާން މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ.
އެ ދުވަހު ބިލް ފާސްކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހަޅުއްވާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލަތައް ބެލުން ހުއްޓުވުމަށް ފަހު އެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު މަގާމުން އިސްތިއުފާ ދެއްވި އެވެ. ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް އުފަންކޮށް އެ މައްސަލަ ބަލައި ވަކިކުރަން ނިންމީ އެ ދެ ފަނޑިޔާރުންގެ ދިފާއުގައި ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމެއް ނެތި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މިހާރު އޮތްއިރު، އިއްޔެ ވަނީ އަޒްމިރާލްދާގެ މައްސަލަ ކޮމިޓީގައި ބަލަން ފަށައިފަ އެވެ.
އަޒްމިރާލްދާއަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް ޖުޑީޝަރީ ކޮމިޓީން ފުރުސަތު ނުދޭން ނިންމުމުން އެކަމަށް އަލީ ހުސައިންގެ އިތުރުން އެހެން ވަކީލުންގެ ވެސް ފާޑުކިޔާފައިވެ އެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު، އިމްތިޔާޒު ފަހުމީ ވަނީ މި މައްސަލައާ ގުޅޭ ގޮތުން ރޭ އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މައްސަލަބަލަން ވަކި މުއައްސަސާއެއް(ޖޭއެސްސީ)އޮތުމުން އަދި މަޖިލިހުން އިމްޕީޗް ޕްރޮސެސް ހިންގަން ނޯންނާތީ ފަނޑިޔާރުން ޖުޑިޝަރީ ކޮމެޓީއަށް ގެނެސް ނުހެދި ނަމަވެސް، ނާއިންސާފު ރެދަންލައި ދިއްލިފައިވާ މި މައްސަލާގައި ފަނޑިޔާރު އެދިއެދިވަނިކޮށް އަހާލުމަށް ވެސް ނުގެނެސް އެއުޅެނީ ކީއްވެބާ؟" އިމްތިޔާޒު ވިދާޅުވި އެވެ.
ކުރީގެ ބަނޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވީ އަޒްމިރާލްދާއަށް ޖަވާބުދާރީވާން ފުރުސަތު ނުދޭން ކޮމިޓީން ނިންމި ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން އެދި ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ނިންމުމުގެ ކުރިން ދެ ފަނޑިޔާރުންނަށް ޖަވާބުދާާރީވުމުގެ ފުރުސަތު ދިނުމަށް ގިނަ އަދަދެއްގެ ވަކީލުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް މުއިއްޒުގެ ނެތް: އަލީ ހުސައިން އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް މުއިއްޒުގެ ނެތް: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ