ނިއުކްލިއާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް ފިޔަވަޅު އަޅާނަން: ފްރާންސް
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން ޔޫރަޕްގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަސްނުޖެހޭނެ ކަމަށް ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު ނޯއެލް ބެރޮޓް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އީރާނުން އިޙުތިރާމް ކުރާނެ ކަމަށް ބުނި ވައުދުތަކަށް އިޙުތިރާމް ނުކޮށް، ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި، ޑިޕްލޮމެޓިކްކޮށް މައްސަލަ ހައްލުކުރުމަށް ވެސް އޮތީ ހަނި މަގެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބުނާކަށް ނުޖެހޭނެ. ޔޫރަޕްގެ ސަލާމަތީ މަސްލަހަތު ކަށަވަރު ނުކުރެވިއްޖެނަމަ، މީގެ 10 އަހަރު ކުރިން އުވާލި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ތަންފީޒު ކުރަން އެންމެ ސިކުންތަކަށް ވެސް ފަސްނުޖެހޭނެ،" ބެރޮޓް ވިދާޅުވިއެވެ. އެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުން ނަތީޖާ ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ މަޝްވަރާތައް ޖަރުމަނުވިލާތާއި، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމުން ވަކިވުމުން، އީރާނާ ގުޅުން ގޯސްވެފައިވާއިރު އެމެރިކާއިން ބޭނުންވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އާ އެއްބަސްވުމެއް އެކުލަވާލުމަށެވެ. އެމެރިކާއާއެކު އީރާނުން ވެފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ. އެއްބަސްވުން އާ ނުކޮށްފިނަމަ، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ވަނީ ދީފައެވެ. އީރާނުން މިހާރު ޔޫރޭނިއަމް މުއްސަނދިކުރަނީ 60 ޕަސެންޓަށް ކަމަށްވާއިރު، މިއީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގައި ކަނޑައެޅި 3.67 ޕަސެންޓަށްވުރެ ވުރެ މާ މަތީ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ