ކަށްބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ މާފަންނު ސަހަރާގައި ބައިބަލާ ކޯޓެއް އެޅުމާ ހަވާލުވާނެ ބަޔަކު ނެތީސް އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު އެ ކޯޓު ނަގައިފި އެވެ.
އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ފޮޓޯ އިއްޔެ އާންމު ކުރެއްވީ ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓު ހިއްސާކޮށް ގިނަ ބަޔަކު ވަނީ ސިޓީ ކައުންސިލަށް ފާޑުކިޔައިފަ އެވެ.
މިކަމާ ގުޅިގެން އަދަދު އާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން އެ ތަނުގައި ކުރަމުންދަނީ ސަހަރާ ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އެ ތަނުގައި ބައިބަލާ ކޯޓެއް އެޅުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެކަން އެނގުނު ހިސާބުން އެތަން ނަގާ ސާފުކޮށްފަ ވާނީ. ސިޓީ ކައުންސިލުން ހުއްދަ ދީގެން ކުރި ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
އިތުރު މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ބައިބަލާ އެސޯސިއޭޝަނުގެ އޮފިޝަލަކު ވެސް ވަނީ މިއީ އެ އެސޯސިއޭޝަނަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ކޯޓު އެޅީ ކޮން ޓީމަކުން ކަމެއް ނޭނގެ އެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބިމެއްގައި ހުއްދަ ނެތި ބަޔަކު މިވަރުގެ ކަމެއް ކުރީ ކިހިނެއް ކަމެއް އާޒިމް އަށް ވެސް ނުބުނެދެވުނެވެ. ނާޖިހުގެ ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުން ކޯޓު އަޅަން ބިދޭސީންތަކެއް މަސައްކަތް ކުރީ އެ ސަރަހައްދަށް ވެލި ބަސްތާތަކާއެކު ޕިކަޕެއް ވެސް ވައްދައިގެންނެވެ.
މާފަންނު ސަހަރާގައި އެންމެ ފަހުން މީހުން ވަޅުލީ 90 ގެ ފަހު އަހަރުތަކުގ އެވެ. އެ ތަނަކީ ތާރީހީ ގޮތުން ވެސް ހާއްސަ ތަނެކެވެ. ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން އެތަނުގައި ވަޅުލާފައިވެ އެވެ.
ސަހަރާ ސާފުކުރަން ސިޓީ ކައުންސިލުން ނިންމީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރން ޕާކިން ޒޯނެއް ހެދުމަށް ކަމަށް ބުނެ އެވެ. ނަމަވެސް އާންމުންނާއި ތާރީހު ދިރާސާކުރާ ގިނަ ބަޔަކު އެއިރު ވެސް އަދި މިހާރު މިކަމާ ދެކޮޅެވެ. ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުން ވެސް ދެ އެވެ.
މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓާ ހަވާލުވާނެ ބަޔަކު ނުވި، ފާޑުކިޔުން އަމާޒުވުމުން ސިޓީ ކައުންސިލުން ތަން ސާފުކޮށްފި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓާ ހަވާލުވާނެ ބަޔަކު ނުވި، ފާޑުކިޔުން އަމާޒުވުމުން ސިޓީ ކައުންސިލުން ތަން ސާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ