ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ބެންޗުގެ އަދަދު މަދުކޮށް, ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ, މާގަރެޓް ސެޓާތުވައިޓް ވިދާޅުވެއްޖެ އެވެ.
މާގަރެޓް އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމާއި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހިނގަމުންދާ ކަންކަމުގެ ވާހަކަ ރިޕޯޓު ކޮށްފައި އޮތް ދިވެހި އާޓިކަލްއެއްގެ ލިންކު ޝެއާ ކުރައްވައި އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގަ އެވެ.
މައްސަލަ ބަލާކަމަށް މާގަރެޓް ވިދާޅުވިއިރު، މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި، ހުސްނުއް ސުއޫދު ވަނީ އެ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވައިފަ އެވެ. އަދި ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެ މައްސަލަ މާގަރެޓްގެ އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.
ސުއޫދު ވަނީ އެ ކަންބޮޑުވުންތައް ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ވާލްޑް ބޭންކް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ ވެސް އެ ހިއްސާ ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން މަޖިލީހުން ފާސްކުރީ، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުންނެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނުއަސާސީ ބަދަލުކުރީ މުޅި ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމަށް ކަނޑައަޅައިދީ އެ މާއްދާ ބާތިލު ކޮށްދިނުމަށެވެ. އަދި ބާތިލުނުކުރާ ހާލަތެއްގައި ވެސް މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރަށް އެ ބަދަލު ނުހިނގާ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގައި ދައުލަތުން ވަކާލާތު ކުރީ ގާނޫނުއަސާސީއަށް ބަދަލު ގެނައި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ.
މިގޮތަށް ނިންމި ހިސާބުން ދެން ކުއްލިއަކަށް ފެނުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރާ ބިލް މަޖިލީހަށް ވެއްދި މަންޒަރެވެ.
އެއަށްފަހު ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ގޮތެއް ނިމެންދެން އެ ގާނޫނަށް އަމަލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދޭން އެދި ތާވަލުކުރި އަޑުއެހުމަށް ސުޕްރީމް ކޯޓުން ތައްޔާރުވަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ސަސްޕެންޑު ކުރީ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ މައްސަލަ ވަރަށް ގާތުން އެބަ ބަލަން: އދ. ގެ ރެޕަޓުއާ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ މައްސަލަ ވަރަށް ގާތުން އެބަ ބަލަން: އދ. ގެ ރެޕަޓުއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ