ވަޒީފާ ކިއު: މިއީ ގައުމީ ބޮޑު އިންޒާރެއް

މީގެ ދުވަސްކޮޅެއް ކުރިން ވިޔަފާރިވެރިއަކާ ބަައްދަލުވެ ދެކެވުނު ވާހަކަ އެކެވެ. އޭނާ ދެއްކީ ދިވެހިން ވަޒީފާގައި ގެންގުޅުމަށް ހުރި އުނދަގޫތަކުގެ ވާހަކަ އެވެ. ގަޑި ޖެހުން އާންމެވެ. ދެ ދުވަހުން އެއް ދުވަހު ސަލާމް ބުނަނީ އެވެ. މަސައްކަތަށް އެހާ ފަރުވާކުޑަ އެވެ. އެހެންވެ، އޭނާގެ ވަޒީފާގައި މިހާރު ގިނައިން ގެންގުޅެނީ ބިދޭސީން ކަމަށް ބުންޏެވެ. 
އެ ވާހަކަތަކުން އަހަނަށް މާނަ ނެގުނީ ދިވެހިން ހަގީގަތުގައި ވަޒީފާއެއްގައި އުޅެން ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް ޒުވާނުންނެވެ. މަސައްކަތްކޮށް ދިރިއުޅުން ކޮޅަށް ޖަހާ ވަރަށް ވުރެ އެ މީހުން ކަންނެތެވެ.
އެކަމަކު، މިދިޔަ ހޮނިހިރު ދުވަހު އިމިގްރޭޝަންގެ 50 އޮފިސަރުންގެ ވަޒީފާއަށް ހުޅުވާލުމުން ޖަމާވި ހާހެއްހާ މީހުންގެ ތެރެއިން ފެނުނީ އެ މަންޒަރެއް ނޫނެވެ. ގިނައީ ޒުވާނުންނެވެ.
އެ މީހުން އެތައް ގަޑިއިރެއް ކިޔުގައި ކެތްތެރިކަމާ އެކު މަޑުކޮށްގެން ތިބީ ވަޒީފާއެއްގެ އުންމީދުގަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ބުނި ގޮތުގައި، އުޅެއުޅެ ވަޒީފާއެއް ނުލިބުނެވެ. އެހެންވެ، އެ ކިޔުގައި ޖެހުނީ ވަޒީފާއަކަށް ސަލާން ޖަހަން މަޖުބޫރުވެގެންނެވެ. އެ މީހުން ބުނަނީ ވަޒީފާ ބޭނުން ކަމަށެވެ. އެކަމަކު ނުލިބެނީީ އެވެ.
އެ ދިގު ކިއު އާއި ޒުވާނުންގެ އެ ވާހަކަތަކުން އެ ބުނެދެނީ ވަރަށް ގިނަ ވާހަކަ އެވެ. 
އެންމެ ފަހުގެ، 2022ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން %12 އަކީ ވަޒީފާއެއް ނެތް ޒުވާނުންނެވެ. އަދި 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން %6.1 އަކީ ވަޒީފާއެއް ނެތް ޒުވާނުންނެވެ. އޭގެ މާނައަކީ:
ވަޒީފާއެއް އަދާ ނުކުރާ ކޮންމެ 3 މީހަކުން 1 އަކީ ޒުވާނެއްކަން 
ޒުވާނުންގެ ތެރެއިން ކޮންމެ 8 މީހަކުން އެކަކީ ވަޒީފާއެއް ނެތް މީހެއް
މިއީ ހަމައެކަނި ނަމްބަރުތަކެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުނުކުތުމަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވުމުގެ ގޮންޖެހުމެވެ. 
ބޯހިމެނުމުގެ ހޯދުންތަކުން ދައްކާ ގޮތުން، ޒުވާނުން ވަޒީފާއަށް ނުނުކުތުމުގެ މައިގަނޑު އެއް ސަބަބަކީ ހުނަރާއި ވަޒީފާގެ ދެމެދުގައި ހުރި ފަރަގެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
މަސައްކަތްތެރިންގެ ތެރެއިން %34 އަކީ އެ މީހުން އަދާކުރާ ވަޒީފާއަށް ބޭނުންވާ ހުނަރު ނެތް މީހުން 
17% އަކީ އެ މީހުން އަދާކުރާ ވަޒީފާއަށް ވުރެ މަތީ ފެންވަރުގެ ހުނަރު ލިބިފައިވާ މީހުން 
ހޯދުންތަކުން ދައްކާ ގޮތުން، އެކަމުގެ ނަތީޖާއަކަށް ވަނީ ޒުވާނުންނަށް ވަޒީފާއެއްގެ ގޮތުގައި ލިބެން ހުރީ ކޭޝިއަރުކަމާއި ފިހާރައިގެ ސޭލްސްޕާސަންކަން އަދި ވެއިޓަރުކަން ފަދަ ދަށް ފަންތީގެ ވަޒީފާތަކެވެ. މިއީ ޒުވާނުން ވަޒީފާއަށް ދާން ބޭނުންނުވާ ބޮޑު ސަބަބެއްގެ ގޮތުގައި ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭ މާރުކޭޓް ގޮޅީގައި ތިބި ވިޔަފާރިވެރިން ފާހަގަކުރި އެއް މައްސަލައަކީ އެ މީހުންގެ ވިކުރާ ނުވާ އާމްދަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ދަށްވުމެވެ. އެ ވާހަކަ އެހެން އަމިއްލަ ވިޔަފާރިތަކުން ވެސް ފާހަގަކުރެ އެވެ. 
ވިޔަފާރިވެރިއަކު ބުނި ގޮތުގައި، މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން އޭނާގެ ވިޔަފާރީގެ އާމްދަނީ %20-25 ދަށްވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި، ކިރިޔަ ކިރިޔާ އޭނާގެ ވިޔަފާރި ހިންގެނީ އެވެ. އެހާ ވެސް ދަށެވެ. 
"އަޅުގަނޑަށް ހީވަނީ އާންމުންގެ އަތުގައި ފައިސާ މަދީހެން. އެހެން ކަން ނޭނގެ މި ވަނީ. އަނެއްކާ އިންފްލޭޝަން ވެސް މަތިވީމާ ޒަރޫރީ ކަންކަން ކޮށްފައި އެއްޗެއް ނޯންނަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
އަމިއްްލަ ވިޔަފާރިތައް ހީނަރުވާ ނަމަ، އޭގެ މާނައަކީ އިގްތިސާދުގައި ވަޒީފާތައް އުފެދޭ ވަރު މަދުވުމެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ބޮޑު ބައެއް ސަރުކާރު ނުވަތަ ސިވިލް ސާވިސްގައި ތިބި ނަމަވެސް ސަރުކާރަކަށް ވެސް މުޅި ގައުމުގައި ތިބި ވަޒީފާ ބޭނުންވާ އެންމެންނަކަށް ވަޒީފާއެއް ނުދެވޭނެ އެވެ.
މިހާރު މި އަންނަނީ އެ ތަން ކަމަށް ވެދާނެ އެވެ. ސަރުކާރަކަށް ވަޒީފާ އުފެއްދެން ހުރި ވަރަށް އެ ހުރީ އުފެއްދިފަ އެވެ. 
އަމިއްލަ ވިޔަފާރިތައް ދަށްވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި އެތައް ބިލިއަން ރުފިޔާއެއް މާލީ ހީނަރުކަމާ ހުރެ ނުދެއްކި، ތާށިވެފައި ހުރުމެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ވެސް އަމިއްލަ ވިޔަފާރިތަކަށް ނުލިބި ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށް ދޭ ދިނުމަކީ ވެސް އިމާރާތް ކުރުން ފަދަ ދާއިރާތައް ދަށްވާ ކަމަށް ތަފާސްހިސާބުތަކުން ފެންނަ އެއް ސަބަބެވެ.
މި ހުރިހާ ސަބަބެއް އެކުވުމުން އިގްތިސާދުގައި ވަޒީފާތައް އިތުރުވުމަށް ވުރެ ދާނީ މަދުވަމުންނެވެ. އެންމެ 50 ވަޒީފާއަށް ހުޅުވާލުމުން ވެސް ހާހެއްހާ ޒުވާނުން ކިއޫގައި ޖެހުމުން އެ ދައްކައިދެނީ އިގްތިސާދުގައި ވަޒީފާ މަދުވެފައިވާ މިންވަރެވެ.
އިގްތިސާދީ ގޮތުން މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. 
އިމިގްރޭޝަންގެ ވަޒީފާ ކިއު ފެނިފައި ވިޔަފާރިވެރިއެއް ކަމަށްވާ އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ފާޅުކުރެއްވި ޝުއޫރުގައި އޭނާ ފާޅުކުރެއްވީ ޒުވާނުން ވަޒީފާއަށް ނުކުންނަން މާޔޫސްވާ ވަރަށް ބޮޑު ސަބަބެކެވެ. އިލްމީ ގޮތުން އަދި ހުނަރުގެ ގޮތުން ގާބިލް ނޫން މީހުންނަށް ސިޔާސީ ވަޒީފާތައްދީ، ސަރުކާރުގެ އޮނޑި ބަރައި ފުރާލާ މައްސަލަ އެވެ.
"ސިޔާސީ ގުޅުންތަކަށް ވުރެ، އެ މީހުންގެ ތަޖުރިބާއަށްޓަކައި ހޮވާ، ގާބިލު ފަރުދުން އިސްކޮށް ތިބޭ ސަރުކާރަކުން، އަޅުގަނޑުމެންގެ މުސްތަގުބަލަށް ރަނގަޅު ހައްލުތަކާއި އުންމީދުތަކެއް ލިބިގެންދާނެ. މީއި މިގައުމަށް ހެޔޮ އެދޭތީ، ހެޔޮ ނިޔަތުގައި ބުނެވޭ ބަހެއް،" ފިރާގު ލިޔުއްވި އެވެ. 
ޒުވާނުންގެ ތެރޭގައި އޮތް ޝުއޫރަކީ ރަނގަޅު ވަޒީފާއަކަށް ދާން ކިޔަވަނީ ކީއްކުރަން ހެއްޔެވެ؟ އެތައް އަހަރެއްގައި ކިޔަވައިގެން މާސްޓާޒްއާ ހަމައަށް ސަނަދު ނެގިއަސް ވަޒީފާއަކަށް ލިބެން އޮތީ އެންމެ 12،000ރ.ގެ ދަށް ވަޒީފާ އެކެވެ. އެއީ ފަހުގެ ޖީލުގެ ޖެންޒީން ބުނާ ގޮތުން ނަމަ ވަރަށް "ސަސް" ކަމެކެވެ. 
ބޮޑެތި ވަޒީފާތަކާއި މަގާމުތަކަށް މީހުން ނަގަނީ އިލްމާއި ގާބިލްކަމަށް ބަލައިގެންނެއް ނޫނެވެ. ފިރާގު ވިދާޅުވި ގޮތަށް އެއީ ސިޔާސީ ގުޅުންތަކުގެ މައްޗަށް އޮންނަ ކަމެކެވެ.
"މިފަދަ ކަންކަމާ ސީރިއަސްކޮށް ވިސްނާލަންވީ ވަގުތު ޖެހިއްޖެ. މި މެސެޖު ބަލައިގަނެ، މި ހާލަތުގެ އަސްލު ސަބަބުތަކަށް އަލިއަޅުވާލެއްވުމަށް އަދުގެ ރައީސްއަށް އަދި ސަރުކާރަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ފިރާގު ލިޔުއްވި އެވެ.
"ކުރިއަށް އޮތް މުހިންމު އެއް ފިޔަވަޅަކީ ކޮންމެހެން ބޭނުން ނުވާ ސިޔާސީ މަގާމުތައް މަދުކޮށް، އޭގެ ބަދަލުގައި ގާބިލު، ތައުލީމީ ފަންނީ ބޭފުޅުންގެ ޓީމަކާއެކު ގައުމު ހިންގުމަށް ފޯކަސް ކުރުމެވެ."
މި ވާހަކަ ހަމައެކަނި ދައްކަން ތިބެވޭކަށް ނެތެވެ. އެމްއެންޑީއެފްގެ ވަޒީފާ ޕްރޮގްރާމަށް 600އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލުމާއި ހޮނިހިރު ދުވަހު އިމިގްރޭޝަންގެ ވަޒީފާ ކިއުއަށް ހާހުން ޒުވާނުން ޖަމާވުމުން އެ ބުނެދެނީ ވަރަށް ސީރިއަސް ވާހަކަތަކެކެވެ.
އިގްތިސާދުގައި ނުހަމަ ކަންތައްތަކެއް އެބަ ހިނގަ އެވެ. އެ އަޅަނީ ނުރައްކާތެރި ކަމުގެ ރަނގަބީލެވެ. އަޅާ ނުލައިފި ނަމަ ނުކުންނަން ހުރި ނުބައި ނަތީޖާތައް ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ