ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ފެބްރުއަރީ 23) - އައިސީސީ ޗެމްޕިއަންސް ޓްރޮފީގައި މިރޭ ވިރާތު ކޯލީގެ ސައްތައާ އެކު، އިންޑިއާ އިން ހަ ވިކެޓުން ވާދަވެރި ޕާކިސްތާން ބަލިކޮށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ޗެމްޕިއަންސް ޓްރޮފީ މި ފަހަރު ހޯސްޓްކުރަނީ ޕާކިސްތާނުންނެވެ. އެކަމަކު، އިންޑިއާ އިން ސަލާމަތީ ސަބަބުތަކަށްޓަކައި، ޕާކިސްތާނުގައި ކުޅެން ބޭނުންނުވާތީ، އިންޑިއާގެ މެޗުތައް ކުޅެނީ ދުބާއީގަ އެވެ.
ދުބާއީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، ޕާކިސްތާނުން ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 49.4 އޯވަރުގެ ތެރޭގައި ޕާކިސްތާނުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ، 241 ލަނޑެވެ. އެންމެ ގިނަ ލަނޑު އެއްކުރީ، 76 ބޯޅައިން 62 ލަނޑު ހެދި ސައުދު ޝަކީލް އެވެ. މި އިނިންގްސްގައި އިންޑިއާގެ ކުލްދީފް ޔާދަވް ތިން ވިކެޓް ނެގިއިރު، ހާޑިކް ޕާންޑްޔާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން ތަފާތު ދެއްކީ، ފަހު ބޯޅައިން ހޯދި ހަތަރު ލަނޑާ އެކު، ނުބައިނުވެ، ސައްތައެއް ހަމަކުރި ވިރާތު އެވެ. ޕާކިސްތާނާ ދެކޮޅަށް އަބަދުވެސް ތަފާތު ފޯމެއްގައި ކުޅޭ ވިރާތު ވަނީ 111 ބޯޅައިން 100 ލަނޑު ހަަމަކޮށްފަ އެވެ. އިންޑިއާ އިން 42.3 އޯވަރުގެ ތެރޭގައި މެޗުން މޮޅުވީ، 244 ލަނޑު ހަދައި، ހަ ވިކެޓުންނެވެ.
އިންޑިއާގެ ރޯހިތު ޝަރްމާ 15 ބޯޅައިން 20 ލަނޑު ހެދިތަނާ ނުބައިވިއިރު، ޝުބްމަން ގިލް ނުބައިވީ، 52 ބޯޅައިން 46 ލަނޑު ހަދާފައިވަނިކޮށެވެ. މި އިނިންގްސްގައި، ޕާކިސްތާންގެ ޝާހީން އަފްރީދީ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
އިންޑިއާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަަމަ މެޗުން ބަންގްލަދޭޝް އަތުން މޮޅުވީ ހަ ވިކެޓުންނެވެ. ޕާކިސްތާން ފުރަތަމަ މެޗުން، ނިއު ޒީލެންޑް އަތުން ބަލިވީ، 60 ލަނޑުންނެވެ. ޕާކިސްތާނަށް ވަނީ ދެ މެޗުން ބަލިވުމުން، މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.
ވިރާތުގެ ސައްތައާ އެކު އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި ވިރާތުގެ ސައްތައާ އެކު އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ