އިންޑިއާގެ ސަލާމަތީ މަސްލަހަތާ ދެކޮޅަށް ލަންކާ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތެއް ނުދޭނަން: ދިސަނޭޔަކަ

އިންޑިއާގެ ސަލާމަތީ މަސްލަހަތާ ދެކޮޅަށް ލަންކާ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނެޔަކަ ވިދާޅުވެއްޖެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން އަންނަނީ އަވަށްޓެރި ގައުމުތަކާއެކު އެއްބަސްވުންތައް ހަދަމުންނެވެ. އެގޮތުން ދިފާއީ، ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ސިއްޚީ އަދި ވިޔަފާރީގެ ދާއިރާއިން މުހިންމު ހަތް އެއްބަސްވުމެއްގައި އިންޑިއާ އާއި ލަންކާއާ ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ދިސަނެޔަކަ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނު ލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި ހުކުރު ދުވަހު ލަންކާއަށް ވަޑައިގެންނެވި މޯދީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާއްސަ އަދި ގާތް ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ދިސަނާޔަކޭއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. "ސްރީ ލަންކާގެ ސަރަހައްދު އިންޑިއާގެ ސަލާމަތަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއްގައި ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ވާނީ މޯދީއަށް ތަކުރާރުކޮށް ދެއްވާފައި،" ދިސަނެޔަކަ ވިދާޅުވިއެވެ. ލަންކާގެ އިގްތިސާދު ކުރިއެރުވުމުގައި އިންޑިއާއިން ލަންކާއާއެކު ދެމި އޮންނާނެ ކަމަށް ވެސް, އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ބުނެއެވެ. ލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިޔާއިން މިހާރުވެސް ވަނީ ހަތަރު ބިލިއަން ޑޮލަރުގެ އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ. ލަންކާއިން ވަނީ އެ ގައުމުގެ މަދަނީ އެންމެ މަތީ އިއްޒަތްވެސް މޯދީއަށް އަރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ