ރޯދައާ ދިމާކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިން: ސައީދު
ކުރިޔަށް އޮތް ރަމަޟާންމަހާ ދިމާކޮށް، ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީއެންސީން މިރޭ ބޭއްވި މާހެފުމުގައި ބައިވެރިވެ ވަޑައިގެން، "ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ މިދިޔަ ރަމަޟާންމަހުގައި ތަކެތީގެ އަގުތަކަށް ގެނައި ބަދަލުގެ ތަޖުރިބާއާއެކު މި ރަމަޟާންމަހުގައި ވެސް އެ ކަންކަން ރައީސް އޮފީހާއި އިކޮނަމިކް މިނިސްޓްރީން ގާތުން ބަލަމުން ގެންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޚާއްސަކޮށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާއެކު ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ފާހަގަވެގެންދިޔަ ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ކަންކަމަށް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ވިއްޔާ ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ބަނދަރުގައި ހުންނަ މުދާ އެތެރެވުން ލަސްވާ މައްސަލަތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށްގެންނާއި، މުދާ ކްލިއާކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކަސްޓަމްސް މެދުވެރިކޮށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ހަމަ އެ ގޮތަށް، އެއާ ކާގޯގައި ގެންނަ މުދާ ލިބުމުގައި ލަސްވާނަމަ، އެކަން ހައްލުކުރުމަށް ވެސް އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް "... މިސާލަކަށް ބަނދަރަށް މުދާ އައިސްގެން ލަސްވާ މައްސަލައެއްގައި ވެއްޖިއްޔާ އެމްޕީއެލްއަށް ގުޅައިގެން އެ މައްސަލަ ވެސް ހައްލުކޮށްދެވެން އޮތް ގޮތަކަށް ހައްލުކޮށްދެމުން މިދަނީ. އެއީ ހުރި ދަތިތަކާ ވެސް އެކުގައި... ދެން ކަސްޓަމްސްގައި ވެސް ވާހަކަ ދައްކައިގެން މުދާ ކްލިއާ ކުރުމުގައި ވެސް ކަސްޓަމަސްއަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ، ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެން މި އަހަރު މި ގެންދަނީ" ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ވިޔަފާރިވެރިންނާއި ބިޒްނަސް ކައުންސިލާއެކު ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައިސްފައިވާ ކަމަށެވެ. https://sun.mv/202621 ރޯދަމަހާ ދިމާކޮށް އަސާސީ ތަކެތި އަގުބޮޑުކޮށް ވިޔަފާރިތަކުން ވިއްކާނަމަ، ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށް ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ތަކެތީގެ އަގުތަކާ ގުޅޭ ސިޔާސަތެއް މިހާރު އެކުލަވައިލެވިފައި ވާކަމަށާއި، އަސާސީ ހުރިހާ ބާވަތެއްގެ މުދަލެއްގެ އިތުރުން ގެއަށް ބޭނުންވާ ސާމާނު އަގުބޮޑުވެއްޖެ ނަމަ، ސަރުކާރުން އަމަލުކުރާނީ އެ ސިޔާސަތުގެ ދަށުން ކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވެގެންދާނަމަ، ވަގުތުން އެ ކަމެއް ހައްލު ކުރުމެވެ. ރޯދަމަހާ ދިމާކޮށް އެއްވެސް ވިޔަފާރިއަކުން އަސާސީ ބާވަތުގެ މުދަލުގެ އަގު ބޮޑު ނުކުރުމަށް ސައީދު އެދިވަޑައިގެންނެވިއެވެ. އަސާސީ ބައެއް ކާބޯތަކެތީގެ އަގު ބޮޑުވެގެން މިފަހުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ކުރިމަތިކުރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ