އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކައިން ދިން ޔަގީންކަމުގައި އަގެއް ނެތް: އަޒާން
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ، އަދި ވެސް އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ. މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ދޮޅު އަހަރުވީ އިރު ވެސް މައްސަލައަށް ދާއިމީ ހައްލެއް ނުހޯދެއެވެ. އެއާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު މައްސަލަ ހައްލުވާނެކަމަށް ފެނަކައިން އައްޑޫ ރައްޔިތުން ގާތު ބުނި ނަމަވެސް އެ ކަން ރޯދަމަހުގެ ފަހު ދިހަ ފެށުނުއިރު ވެސް ހައްލުނުވާކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަންނަނީ މިހާރު އަމާޒުވަމުންނެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އަޒާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަދިވެސް ކަރަންޓުގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން، ރޯދައިގެ ކުރިން އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ޔަގީންކަން ދިން ނަމަވެސް އެކަމުގައި އެއްވެސް އަގެއް ނެތް ކަން މިހާރު ހާމަވެފައިވާކަމަށް އަޒާން ވިދާޅުވިއެވެ. https://x.com/axanner/status/1903792798383722520?s=46&t=X5Vbf7V2vo1l_fN4r1s3OA އަޒާން އެހެން ވިދާޅުވީ، މިއަދު ވެސް ވަކި ވަގުތަކަށް ކަރަންޓު ކަނޑާކަމަށް ބުނެ ފެނަކައިން ކުރި މެސެޖެއްގެ ފޮޓޯ އެކްސްގައި މީހަކު ހިއްސާކުރި ޕޯސްޓަކާއެކުގައެވެ. އެ މެސެޖުގައި ވަނީ، ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފަިއ ހުރި ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން މައްސަލަ ހައްލުކުރެވެން ދެން އެއްގަޑިއިރަށް ހިތަދޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެ ސިޓީގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން ގޮތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެފައިވަނިކޮށް، މި މަހު ހަވަނަ ދުވަހުގެ ރޭ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްވަނީ އައްޑުއަށް ވަޑައިގެންފައެވެ. އެއާއެކު އައްޑޫގެ ރައްޔިތުން ވަނީ އެއާޕޯޓު ދޮށަށް އެއްވެ، އެ މައްސަލައިގައި ވަނީ އަޑު އުފުލާފައެވެ. ރައްޔިތުން ވަނީ އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި، އައްޑުއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނި އިންޖީނު ނުވަތަ ޖަނަރޭޓަރު ކޮބައިތޯ ސުވާލުކޮށްފައިވެއެވެ. އޭގެފަހުން، އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފެނަކައިން ވަނީ ފޮނުވާފައެވެ. އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން، އެސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ، މިމަހުގެ 10 ވަނަ ދުވަހު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. https://sun.mv/203505 އެ މައްސަލަ ބަލައިގަތުމަށް އެމްޑީޕީގެ 12 މެންބަރުންނާއި އަޒާން ވޯޓުދެއްވި ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ