އެމްޑީޕީ މެންބަރުންތަކެއް ނެރުމަށްފަހު ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މި ބިލު އިއްޔެ މަޖިލީހަށް ހުށަަހަޅުއްވައި، ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް، މިއަދުވަނީ ގޮތެއް ނިންމަން ތަޅުމަށް ފޮނުވައި ވޯޓަށް 9:45 އެޖެންޑާ ކޮށްފައެވެ. ނަމަވެސް މި ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ މެންބަރުން އައީ ބިލާ ގުޅިގެން އެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް މެންބަރުން އެއްވެ ގެންދެވީ އަޑު އުފުލަމުންނެވެ. އެއާއެކު ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ތަކުރާރުކޮށް އެ މެންބަރުންނަށް ނަސޭހަތްތެރިވެ، ގޮނޑިކޮޅުގައި ތިއްބެވުމަށް އެދިވަޑައިގެންފައެެވެ. އޭގެ އިރުކޮޅެއް ފަހުން ރިޔާސަތުން ވަނީ ގަލޮޅު ދެކުނު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި އެ މެންބަރުން ތަޅުމުން ނެރެފައެެވެ. އެއަށްފަހު މި ބިލަށް ވޯޓަށް އެހޭވަރުވީ 10:00 ގައެވެ. ސިސްޓަމަށް ދިމާވި މައްސަލައާއެކު ވޯޓަށް އެހީ ކޮންމެ މެންބަރެއް ގާތު ވަކިވަކިން އަހައިގެންނެވެ. މި ބިލަށް ވޯޓަށް އަހަމުން ގެންދެވިއިރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންފައެެވެ. މީގެ އިތުރުން ކޮމިޓީ މަރުހަލާގައި އެ ބިލަށް، ޖުޑީޝިއަރީ ކޮމިޓީގައި ވޯޓަށް އެހުމުން ވަކިކޮޅަކަށް ވޯޓު ދެއްވަން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ދެކޮޅު ހެއްދެވި ނަމަވެސް، ތަޅުމުގައި ވޯޓު ދެއްވީ ބިލު ފާސްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ