އެންއައިސީޔޫގައި ބަލި ފެތުރެން ފެށިއިރު އާންމުކޮށް ބޭނުން ކުރަމުންދިޔަ ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފައި! އެންއައިސީޔޫގައި ބަލި ފެތުރެން ފެށިއިރު އާންމުކޮށް ބޭނުން ކުރަމުންދިޔަ ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފައި!

އައިޖީއެމްޗްގައި އެންމެ ތުއްތު ކުދިންނަށް ފަރުވާ ދޭ ނިއޯނޭޓަލް އައިސީޔޫގައި ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެއް ފެތުރުނުއިރު، އެތަން ސާފު ކުރަން ބޭނުން ކުރަމުން އައި ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރެއް ކަމަށްވާ ނަޒްލާ މުސްތަފާ އަދަދު އާ ވާހަކަ ދައްކަމުން މިއަދު ބުނީ އެންއައިސީޔޫ ސާފު ކުރަން ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްްސް ކަމަށެވެ. ނަމަވެސް ބަލި ފެތުރުނު އިރު، ޑިސްއިންފެކްޓަންޓް ހުސްވެގެން ބޭނުން ކުރަމުންދިޔައީ ބްލީޗު ކަމަށް އޭނާ ވިދާޅުވި އެވެ.
"[ބަލި ފެތުރުނުއިރު] އަޅުގަނޑުމެން އަލްޓަނޭޓިވް އޮޕްޝަންއަކަށް ބޭނުން ކުރާ އެއްޗެއް، ޔޫސް ކުރި އެކޮޅުގައި. [އަލްޓަނޭޓިވް އޮޕްޝަންއަކީ ސާފު ކުރަން ބޭނުން ކުރާ އެއްޗެހި. [އެއީ] ވެސް ޑިސްއިންފެކްޓަންޓެއް ހަމަ. ބްލީޗް އަޅުގަނޑުމެންގެ އަލްޓަނޭޓިވްއަކީ މިހާރު. [ކުރިން ބޭނުން ކުރީ ޑިސްއިންފެކްޓަންޓް ވައިޕްސް]. ވައިޕްސް ހުންނަ އިރު ފަސޭހަވާނެ ދެއްތޯ ތަންތަން ސާފުކޮށްލަން،" ނަޒްލާ ވިދާޅުވި އެވެ.
އެންއައިސީޔޫ ފަދަ ނާޒުކު ތަނެއް ސާފު ކުރަން ބޭނުން ކުރަމުން އައި ޑިސްއިންފެކްޓަންޓު ހުސްވި ސަބަބު އޭނާއަށް އަދި އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ސްޕެސިިކަލީ [ޑިސްއިންފެކްޓަންޓު ނެތް ސަބަބެއް]. އަޅުގަނޑު ވެސް ބަލައިލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އެންއައިސީޔޫގައި ފެތުރުނީ ބާކޯލްޑޭރިއާ ސްޕޭޝިއާ އެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެ ބަލި އާންމުކޮށް ފެތުރެނީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށެވެ. އެއީ ސާފުތާހިރުކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާ ނަމަ ފެތުރުން ދުރު ބައްޔެކެވެ.
އެންއައިސީޔޫގައި ބަލި ފެތުރެން ފެށީ މާޗް 27، ގަ އެވެ. އެކަމަކު ހޮސްޕިޓަލުން ވަނީ އިއްޔެއާ ހަމައަށް އެކަން ސިއްރުކޮށްފަ އެވެ. ޖުމުލަ ފަސް ކުއްޖަކަށް ވަނީ އެ ނުރައްކާތެރި ބަލި ޖެހިފަ އެވެ. ބަލި ޖެހުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ފަސް ކުއްޖަކަށެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ވަރަށް ދެރަ އެވެ. ހާލު ދެރަ ކުދިން ބޭރަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ