މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ސިލްސިލާކޮށް ކުރަމުންދިޔަ ސުލްހަވެރި މުޒާހަރާއިން ރޭ ހައްޔަރު ކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ވަގުތުން މިނިވަން ކުރަން ދަ ޑިމޮކްރެޓްސް އިން ވެސް ގޮވާލައިފި އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދަން ގޮވާލައި ކުރާ މުޒާހަރާއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރުމަށްފަހު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ.
"ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ސުލްހަވެރި އެއްވުމުގެ ތެރެއަށް މިރޭ ފުލުހުން ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަސްޕްރޭޖަހައި މުޒާހަރާގެ ދެ ބައިވެރިން ކަމަށްވާ އައިޝަތު ޝިމަން އަހްމަދާއި އަބްދުالله މަހްޒޫމް ހައްޔަރުކޮށްފައިވާތީ ދަ ޑިމޮކްރެޓްސް އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަން. އަދި އައިޝަތު ޝިމަން އާއި އަބްދުالله މަހްޒޫމް ވަގުތުން މިނިވަންކުރުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއްކަން ފުލުހުންނަށް ހަނދާންކޮށްދޭ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަކީ ގާނޫނުއަސާސީން އެންމެހައި ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަން ފުލުހުންނަށް މި ވަގުތުގައި ވެސް ހަނދާންކޮށްދެން. ޒުވާނުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކަކީ އައުލާކަންބޮޑު ޖާއިޒު މުޒާހަރާތަކެއް. ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ، ހައްވާ ޔުމްނު ވެއްޓި ޒަހަމްވި މައްސަލައިގެ ތަހުގީގާމެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންގެންދާ މުޒާހަރާތަކެއް،" ޑިމޮކްރެޓްސް އިން ބުންޏެވެ.
"ސުލްހަވެރި އިހުތިޖާޖްތަކަށް ފުލުހުން ހުރަސްނޭޅުމަށާއި، ހާއްސަ ގޮތެއްގައި ޒުވާނުން މިހާރު ބާއްވަމުންގެންދާ ސުލްހަވެރި އެ އިހުތިޖާޖްތަކަށް ހުރަސްނޭޅުމަށާއި، އިހުތިޖާޖްގެ ބައިވެރިން ހިފައި ހައްޔަރުނުކުރުމަށް ގޮވާލަން. އަދި މިއަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ޕާޓީން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝިމަން، 19، އާއި މަހްޒޫމް، 28، ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް މިނިވަން ކުރަން ޑިމޮކްރެޓްސް އިން ވެސް ގޮވާލައިފި ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް މިނިވަން ކުރަން ޑިމޮކްރެޓްސް އިން ވެސް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ