މިސައިލު ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ރައީސް ދޮގުކުރައްވައިފި

ތުރުކީ ކުންފުންޏެއް މެދުވެރިކޮށް އަސްކަރިއްޔާ އަށް މިސައިލު ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ރައީސް މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ތުރުކީ އިން މި ފަހުން ވަނީ އަސްކަރީ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ހާމަކޮށްފަ އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެ މަނަވަރުގައި ބޭނުންކުރުމަށް މިސައިލު ގަންނަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ އަދި މިސައިލު ވިއްކާ ކުންފުނީގެ އިސްވެރިޔަކު ރައީސް މުއިއްޒުއާ ބައްދަލުކޮށްފައިވޭތޯ ސުވާލު ކޮށްފަ އެވެ.
ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިސައިލު ގަންނަން ނޫޅޭ ކަމަށެވެ.
"އަޅުގަނޑާ ބައްދަލުކުރަން އައި ބޭރު ގައުމެއްގެ ސަފީރެއް ބައްދަލުކޮށްފައި ވަރަށް ކަންބޮޑުވެގެން ދެއްކި ތި މިސައިލުގެ ވާހަކަ. އަޅުގަނޑު ބުނީ ނޫނެކޭ ތިއީ ހުސް ދޮގު ވާހަކަތަކެކޭ. އަޅުގަނޑުމެން ނޫޅެމޭ މިސައިލު ގަންނާކަށް. ނުގަންނަން މިސައިލެއް، ހޯދާކަށް ވެސް ނޫޅެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާއެކު އޮންނަ ގާތް ގުޅުމުގެ ތެރެއިން އެ ގައުމުން ރާއްޖެ އަށް މަނަވަރެއް ހަދިޔާކުރާ ކަމަށެވެ.
"ރާއްޖޭގައި މިހާތަނަށް ނެތް ސައިޒެއް އެއީ... އެއްވެސް ހަރަދެއް އަޅުގަނޑުމެން ކުރަން ޖެހުނީ އެއް ނޫން. އެއަކަށް މިސައިލެއް ނުގަންނަން. އޭގައި ނެތް މިސައިލު ހަރުކޮށްފަ އެއް ވެސް." ރައީސް ވިދާޅުވި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ރާއްޖެ-ތުރުކީ ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ކަމަށެވެ.
ހަތިޔާރު ފަދަ ތަކެތި އުފައްދާ ތުރުކީ ކުންފުނީގެ އިސް ބޭފުޅާ އަކީ ގާތް ރަހުމަތްތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ގުޅުމަކީ އެމަނިކުފާނު ކުރައްވާ ކަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ވޭތުވެ ދިޔަ 20- 25 އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އޮތީ އެއްފަރާތްކޮށްފައިވާ ކަމަށާއި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ