ޤާނޫނާއި އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް މުހިންމެއްނޫން: ރައީސް ޑރ.މުޢިއްޒު

ޤާނޫނާއި އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް އެމަނިކުފާނަށް މުހިންމު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް މި ވާހަކަ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް،" ރައީސް ވިދާޅުވިއެވެ.
އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މައްސަލައިގެ ޙަޤީޤަތް ހޯދައި އިންސާފު ޤާއިމުކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. އަދި އެ މައްސަލަ ތަޙުޤީޤުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނަށް ފުރިހަމަ ބާރުވެރިކަން ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވި ގޮތަށް، އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ