ސްކޫލް އިމްތިހާނުގައި މަކަރު ހެދި ދަރިވަރު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި

ބިހާރު (ޖޫން 27) - ސްކޫލް އިމްތިހާނުގައި މަކަރު ހެދި ދަރިވަރު އިންޑިއާގެ އިރު އުތުރުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބިހާރު ސްޓޭޓުގައި ބާއްވާ ސްކޫލް ނިންމާ އިމްތިހާނުގައި ދަރިވަރުން މަކަރު ހެދި މައްސަލަތައް ފަޅާ އެރުމުން ސްޓޭޓް ސަރުކާރަށް ވެސް އިންތިހާ އަށް ވަނީ ފިއްތުންތައް ކުރިމަތިވެފަ އެވެ.
ފުލުހުން އިއްޔެ ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ދަރިވަރެކެވެ. އެ ކުއްޖާ އަކީ އެންމެ ފަހުން ހެދި އިމްތިހާނުން އެންމެ މަތިން މާކްސް ހޯދި ދަރިވަރެވެ. އިމްތިހާނުގައި މި ކުއްޖާ މަކަރު ހެދިކަން ފަޅާ އެރީ ޓީވީ ކުއިޒެއްގައި އޭނާ އަށް ކުރި ސުވާލަށް ދިން ޖަވާބުންނެވެ. ޕޮލިޓިކަލް ސައެންސް ކިޔާ އެ ދަރިވަރަށް އެ މާއްދާއާ ބެހޭ ގޮތުން ޓީވީ ރިޕޯޓަރު ސްކޫލް ކުރުމުން އެ ކުއްޖާ ބުނެފައި ވަނީ އެއީ ކެއްކުމާ ގުޅޭ މާއްދާއެއް ކަމަށެވެ.
ބިހާރު ސްޓޭޓުގައި މިދިޔަ އަހަރު ބޭއްވި އިމްތިހާނުގައި ދަރިވަރުންނަށް ޖަވާބު ކަރުދާސް ދިނުމަށް ބެލެނިވެރިން ފާރު މައްޗަށް އަރަނީ. --ފޮޓޯ:ބީބީސީ
"ޓެސްޓުގައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭ 18 ދަރިވަރުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައި،" ބިހާރު ފުލުހުންގެ ސީނިއާ ސްޕްރިންޓެންޑެންޓް މަނޫ މަހާރާޖް ވިދާޅުވި އެވެ.
ސަތާރަ އަހަރުގެ ދަރިވަރު ހައްޔަރު ކުރީ މަކަރު ހެދި ދަރިވަރުން އަލުން ޓެސްޓް ހެދުމަށް ބިހާރު ސްކޫލް އެގްޒަމިނޭޝަން ބޯޑުން އެންގުމުން އެ ދަރިވަރު ވެސް ޓެސްޓް ހަދަން އުޅެނިކޮށެވެ.
އެތައް ހާސް ދަރިވަރުން ހަދާ އިމްތިހާނުގައި ދަރިވަރުން މިދިޔަ އަހަރު މަކަރު ހެދިކަން ފަޅާއެރުމުން ޓީޗަރުންނާއި ތައުލީމީ އޮފިޝަލުންނަށް ވަނީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބިފަ އެވެ. ސްކޫލް އިމްތިހާނުގެ ޓެސްޓް ކަރުދާހުގެ ޖަވާބުތައް ދިނުމަށް ބައެއް ބެލެނިވެރިން ފާރު މަތިން އަރާ މަންޒަރުތައް ވަނީ ލީކުވެފަ އެވެ.
ސްކޫލް ނިންމާ އިމްތިހާނަކީ އިންޑިއާގެ އެތައް މިލިއަން ފަގީރު އާއިލާތަކުގެ ކުދިންނަށް މުހިންމު އިމްތިހާނެކެވެ. އެ ކުދިންގެ ކެރިއަރު ބިނާ ކުރުމަށް މި އިމްތިހާނުގެ މުހިންމުކަން ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ