ވަޒީފާއިން ވަކިކުރި ޕީޖީ އޮފީހުގެ ވަކީލަކަށް ބަދަލުގެ ގޮތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ދިނުމަށް އަމުރުކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަޒީފާއިން ވަކިކުރި ގާނޫނީ ވަކީލަކަށް ބަދަލުގެގޮތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފި އެވެ. ޕަބްލިކް ޕްރޮސިކިއުޓާ ގްރޭޑް 1 ގެ މަގާމުގައި ހުންނަވަނިކޮށް އާމިނަތު އަރީޖު ހުސައިން ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 153،569 ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަރީޖު ވަޒީފާއިން ވަކިކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ އަރީޖު ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ހަމައެއް އޮވެ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހުގައިކަން ސާބިތުވާ މިންވަރަށް ޕީޖީ އޮފީހުގެ ފަރާތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް އަރީޖު އެދިފައިވީނަމަވެސް ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާ ކަމަށް ބުރަވެވޭތީ އާއި ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ މަސްލަހަތު ހުރިގޮތް ކަމަށް ނުފެންނަ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ. ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ 20 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ