އާބިދާގެ ތައުޒިޔާގެ ދަފުތަރުގައި މައުމޫން ސޮއިކުރައްވައިފި

ފޮރިން މިނިސްޓްރީގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވި އާބިދާ އަޙުމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޮއިކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީ ހުންނަ އިމާރާތް ކަމަށްވާ ފަތުޙުﷲ ޖަމީލް ބިލްޑިންގަށް މައުމޫން ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު އަބްދުﷲ ޝާހިދާއި މިނިސްޓްރީގެ އިސް ވެރިންނެވެ. މައުމޫން ވަނީ އާބިދާގެ ތައުޒިޔާގެ ދަަފުތަރުގެ އިތުރުން، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެ ޒިޔާރަތުގައި މައުމޫން ވިދާޅުވީ ފޮރިން މިނިސްޓަރާއި އެ މިނިސްޓްރީގެ މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވަނީ އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. އެގޮތުން އިމާރާތުގެ ރީތިކަމަށް ވުރެ މުހިންމީ އިމާރާތުގައި މަސައްކަތްކުރައްވާ މިނިސްޓަރާއި އެންމެހައި މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފޮރިން މިނިސްޓްރީން ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަރުހަބާ ދެންނެވީ މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ ފޮރިން މިނިސްޓްރީ މީގެ އިތުރުން މައުމޫން ވަނީ މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އާބިދާ ނިޔާވުމާ ގުޅިގެން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އުމުރުފުޅުން 66 އަހަރުގައި އާބިދާ ނިޔާވީ މިމަހުގެ އަށް ވަނަ ދުވަހެވެ. އާބިދާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1978 ވަނަ އަހަރު މުލީއާގޭ މެއިޑެއްގެ ގޮތުގައެވެ. އެ ވާޒީފާއިން ވަކިވެވަޑައިގަތުމަށް ފަހު އަލުން ޚިދުމަތް ފެއްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އެއަށް ފަހު، 1985 އިން ފެށިގެން ޚިދުމަތް ކުރެއްވީ ފޮރިން މިނިސްޓްރީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ