ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން އެދާއިރާގައި ކެމްޕެއިން ހަރަކާތްތައް ފަށައިފި

އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން އެދާއިރާގައި ކެމްޕެއިން ހަރަކާތްތައް މިއަދު ފަށައިފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ޕީޕީއެމްއާއި، އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
ޕީޕީއެމްގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވަނީ އެދާއިރާގެ ކުރީ މެންބަރު އިބްރާހީމް ރިޒާގެ ކޮށްކޮ ހުސެއިން ރިޒާއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އިބްރާހީމް ޝާޒްއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަލީ ޝާޒްް އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް މިއަދު އެމްޑީޕީގެ ވަފުދެއް އެ ދާއިރާއަށް ގޮސްފައިވާއިރު އިދިކޮޅު މައިޕާޓީ ޕީޕީއެމާއި، އެމްއެންޕީއިންވެސް ގެންދަނީ ގުރައިދޫގައި ކެމްޕެއިން ހަރަކާތްތަށް ކުރިޔަށް ގެންދަމުންނެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ