އަޅުގަނޑުގެ ވެރިކަމެއްގައި ވަޅި ހިފައިގެން ފިހާރަތަކަށް ވަންނަ މީހުން ގަޔަށް ޝޫޓް ކުރާނެ: އުމަރު

ވެރިކަން ލިބިއްޖެ ނަމަ މާރާމާރީ ހިންގުމަށްޓަކައި ފިހާރަތަކަށް ވަޅި ހިފައިގެން ވަންނަ މީހުން ގަޔަށް ފުލުހުން ލައްވާ ޝޫޓްކުރުވާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ރިޔާސީ ކެމްޕެއިނުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ވަރަށް ގިނަ ގޭންގުތަކެއް ހެދި ދިވެހިރާއްޖޭގެ އަމަން އަމާންކަން ވަނީ މުޅިން ގެއްލިފައިކަމަށާއި މިއަދު ގޭންގުތަކުގެ ބާރު ފުލުހުންގެ ބާރަށް ވުރެ މާ ގަދަވެފައިވާކަމަށެވެ.
"ހަމަލާދެނީ މީހުންގެ ގަޔަށް ވަޅި ހަރަނީ މީހުން މަރަނީ، އިއްޔެ ވެސް ހުޅުމާލޭގެ ފިހާރައަކަށް ކުއްލިއަކަށް ގޭންގެއްގެ ދެމީހަކު ހެލްމެޓް އަޅައިގެން ވަދެ މުޅި ފިހާރަ އެއްކޮށް ސުންނާފަތިކޮށްފައި ދިޔައީ، އަދިވެސް އެބަޔަކު ހައްޔަރެއްވެސް ނުކުރޭ، ހައްޔަރު ކުރިއަށް ދޫވެސް ވެދާނެ" އުމަރު ވިދާޅުވިއެވެ.
މިކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ މާރާމާރި ހުންގުމަށް ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަތަކަށް ވަންނަ މީހުން ގަޔަށް ފުލުހުން ލައްވާ ޝޫޓް ކުރުވާނެކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މިކަހަލައިގެ ކަންކަމެއް ނުކުރެވޭނެ، މިހެން ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަ ފިހާރައަށް ވަންނަ ކަމަށް ވަންޏާ ފުލުހުން ޝޫޓް ކުރާނެ، އެކަހަލަ މީސް މީހުން ގަޔަށް ފުލުހުން ޝޫޓް ކުރާނެ، ރާއްޖޭގެ އަމަން އަމާންކަން އަޅުގަނޑުމެން ނަގަހައްޓާނީ ޗޮކްލެޓް ކާންދީފައެއް ނޫން" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އަމަން އަމާންކަން ނަގަހައްޓާނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަމަން އަމާންކަން ނަގަހައްޓާގޮތަށްކަމަށެވެ.
އަދި ދިވެހިރާއްޖެއަކީ އަމާން ގައުމަކަށް ހަދައިދިނުމަށާއި މަސްތުވާ އެއްޗެހިން ސަލާމަތްކުރެވިފައި އޮތް މުޖުތަމައެއް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަންވެސް އުމަރު ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ