ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15 ގައި

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަ
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މިއީ ރިޒާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާތާ 3 ވަނަ ދައުރެވެ.
ރިޒާ އަކީ މި ދައުރުގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އަވަހާރަވި ދެވަނަ މެމްބަރެވެ. މީގެ ކުރިން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުވެސް ވަނީ ކެންސަރު ބަލީގައި އަވަހާރަވެފައެވެ.
އޭޕްރިލް 15 ގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އިންތިހާބާއި ގުޅިގެން ސަރުކާރުން އެ ދާއިރާގެ ރަށްތަކުގައި ބޮޑެތި މަޝްރޫއުތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ކޮމަންޑ ދާއިރާގެ އިންތިހާބުގައިވެސް ސަރުކާރުން އެތައް މަސައްކަތްތަކެއް އިއުލާންކުރިއެވެ. އެހެން ނަމަވެސް އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވުމާއި އެކު ގިނަ ކަންކަން މަޑުޖެހުނެވެ. ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ، މާފުށި އަދި ގުޅިއެވެ. އެ ދާއިރާއަކީ އިދިކޮޅު ޕީޕީއެމްއަށް ތާއީދު ބޮޑު ދާއިރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ