މެމްބަރު ޒަރީރަށް ހަމަލާދިން މީހުންގެ ބަންދަށް 15 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު މެމްބަރު ޒަރީރަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު މެމްބަރު ޒަރީރު މަރާލަން އުޅުކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސް މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ ވެސްވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން، ބަންދަށް ކޯޓުން 30 ދުވަސް ވަނީ ދީފައެވެ.
މާރާމާރީއެއްގެ ޝިކާރައަކަށްވެފައިވާ، މެމްބަރު ހަސަން ޒަރީރާ ބެހޭގޮތުން މީގެކުރިން ގިނަ ވާހަކަތަކެއް މީސްމީޑިއާގައި އާންމުވެފައިވެއެވެ. ޒަރީރުގެ ކުރީގެ އަނބިމީހާ، ފާތިމަތު ޝަޒްރާ ވަނީ، ގެވެށި އަނިޔާ އަދި ރޭޕްގެ ތުހުމަތުވެސް މެމްބަރުގެ މައްޗަށް ކޮށްފައެވެ.
އަދި އެ ވާހަކަތައް ހިއްސާކޮށް ޒުވާބުކޮށް އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޒަރީރުގެ ކުރީގެ އަނބިމީހާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ނަމަވެސް، އެ ވާހަކަތައް ދޮގޮކޮށް، ނެރުއްވި ބަޔާނެއްގައި ޒަރީރުވަނީ، އޭނާގެ ކުރީގެ އަނބިމީހާ އެ ވާހަކަތައް ފެތުރީ، އޭނާގެ ދޮށީ އަންހެން ދަރިފުޅަށް އަނިޔާކުރިކަމުގެ މައުލޫމާތު ލިބުމުން، ޖެންޑަރ މިނިސްޓްރީ އަދި ފުލުހުން ޝަޒްރާއާއި އޭނާގެ މިހާރުގެ ފިރިމީހާ ދިރިއުޅޭ ގެއަށް ގޮސް، އެމީހުން ގެއިން ނެރުން ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ