ބަންޑާރަނައިބު އެދެނީ ހާޒިރުވެގެން ޖަވާބުދާރީވާނެ ފުރުސަތަކަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައެއް ގެއްލުނު މައްސަލައިގައި ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި އަލުން މަޖިލީހަށް ހާޒިރުވެގެން ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާއަށް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކޮށްފައިވަނިކޮށް އެ ޖަލްސާއަށް ހާޒިރުނުވެ ރިފްއަތުގެ ދިފާއީ ޖަވާބު ލިޔުމުން ވަނީ ހުށައަޅުއްވާފައެވެ. މިއާއެކު ގާނޫނީ ބަހުސެއްގެ ތެރެއަށް މައްސަލަ ވެއްޓިފައިވާއިރު ސަރުކާރު ހިންގާ އެމްޑީޕީން ބުނަނީ ރިފްއަތު ކުރެއްވީ އޭނާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުން ކަމަށެވެ.
އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި މިފަދަ ބޮޑު މައްސަލައެއްގައި މެމްބަރުންގެ ސުވާލުތައް ހުރުމާއިއެކު ހެކި ހިއްޕަވައިގެން މަޖިލީހަށް ހާޒިރުވެ މެންބަރުންނަށް ޖަވާބުދާރީވުމަށް ގޮވާލައްވާފައެވެ.
މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލިޔުމުން ޖަވާބުދާރީވީ، ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފު ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
އެހެންނަމަވެސް ބުދަ ދުވަހުގެ ޖަލްސާ ނިމުނު އިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އެހެންކަމުން ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް މަޖިލިހުގެ ރައީސް ނަޝީދުގެ އަރިހުން ރިފްއަތުވަނީ އެދިވަޑައިގެންފައެވެ.
ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން 14 ދުވަހުގެ ނޯޓިސް ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމިއެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ