ނަޝީދަށް ދިން ބޮމުގެ ހަމަލާ: އަލި މަނިކު ފަސް އަހަރަށް ޖަލަށް، ތަސްލީމަށް ދައުވާ ސާބިތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް މިއަދު ހުކުމް ކުރި އެވެ.
އަލި މަނިކުގެ މައްޗަށް ހުކުމް ކުރި އިރު، އޭނާ ހައްޔަރު ކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް ހުރީ ބަންދުގައެވެ. އެހެންވެ، އެ މުއްދަތު ހުކުމުން އުނި ކުރުމުން ބާކީ އަލި މަނިކު ހުކުމް ތަންފީޒު ކުރަން ޖެހޭނެ މުއްދަތަކީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ފާހަގަ ކުރެއްވީ ގާނޫނުގައި އެ ދައުވާ ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކި ބަޔާންކޮށްފައިވާ އިރު އެއިން މަދުވެގެން ހަތަރު ބާވަތުގެ ހެކި ހަމަވާން ޖެހޭ ކަމަށެވެ.
ތަސްލީމުގެ މައްޗަށް ކުށް ސާބިނުވާ ކަމަށް ކަނޑައެޅީ މަދުވެގެން ހަތަރު ބާވަތުގެ ހެކި ނެތުމުންނެވެ. ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި ތަސްލީމާ ދެކޮޅަށް އޮތް ހަމައެކަނި ހެކިތަކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ދެ ހެއްކެއްގެ ހެކިބަހެވެ. އެހެންކަމުން އެއީ ދެ ބާވަތުގެ ހެއްކެކެވެ.
އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ