އައިއޯއެސް 26ގެ ޕަބްލިކް ބީޓާ ނެރެފި

ހިތްގައިމު "ލިކުއިޑް ގްލާސް" ޑިޒައިނާއެކު، އައިއޯއެސް 26ގެ ޕަބްލިކް ބީޓާ ނެރެފިއެވެ. އެޕަލްއިން އެ ކުންފުނީގެ މޮބައިލް އޮޕަރޭޓިން ސިސްޓަމް، އައިއޯއެސް 26ގެ ފުރަތަމަ ޕަބްލިކް ބީޓާ ނެރެފައިވާއިރު، މި އާ އަޕްޑޭޓްގައި އެންމެ ފާހަގަކޮށްލެވެނީ "ލިކުއިޑް ގްލާސް"ގެ ނަމުގައި ތައާރަފުކުރި އާ ޔޫޒާ އިންޓަފޭސް އާއި، ކުރިއަރާފައިވާ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ފީޗާތަކެވެ. މި ބީޓާ ވާޝަން އާންމުންނަށް ދޫކޮށްލުމުން، މި އަހަރުގެ ފަހުކޮޅު ރަސްމީކޮށް ނެރުމުގެ ކުރިން އާ ފީޗާތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ. އައިއޯއެސް ހަތަކަށް ފަހު، ފެންނަ ފެނުމަށް މިއީ އެޕަލްއިން އައިއޯއެސްއަށް ގެނައި އެންމެ ބޮޑު ބަދަލެވެ. "ލިކުއިޑް ގްލާސް" ޑިޒައިންގެ ސަބަބުން ބަޓަންތަކާއި، ސްކްރީންތަކާއި، އެޕްތަކުގެ ތެރޭގައި ބޭނުންކުރާ ކޮންޓްރޯލްތަކަށް ވަނީ އިތުރު އަލި، ދިއްލިފައިވާ ބިއްލޫރި ފަދަ އަސަރެއް ގެނެސްދީފައެވެ. މި ޑިޒައިން ވަނީ ފޯން، ކެމެރާ، ސަފާރީ، އަދި މިއުޒިކް ފަދަ މުހިންމު އެޕްތަކުގެ އިތުރުން، ނޮޓިފިކޭޝަންތަކާއި، ލޮކް ސްކްރީން، ކޮންޓްރޯލް ސެންޓާ އަދި ހޯމް ސްކްރީންގައި ވެސް ހިމަނާފައެވެ. މީގެ އިތުރުން، އައިފޯން އަދި އައިޕެޑްގެ ލޮކް ސްކްރީނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ފޮޓޯތަކަށް ތްރީޑީ އިފެކްޓެއް ގެނެސްދިނުމާއި، ޑައިނަމިކް ކްލޮކެއް ހިމެނެއެވެ. އަދި ޔޫޒަރުންނަށް އެޕް އައިކަންތައް ޓްރާންސްޕޭރެންޓްކޮށް (ނުވަތަ 'ކްލިއާ'ކޮށް) ބެހެއްޓުމުގެ އިޚްތިޔާރު ވެސް މި އަޕްޑޭޓްގައި ލިބޭނެއެވެ. އޭއައި ފީޗާތަކަށް ބަލާއިރު، އައިއޯއެސް 26ގައި ވަގުތުން ވަގުތަށް ވާހަކަތައް ތަރުޖަމާކޮށްދޭ 'ލައިވް ޓްރާންސްލޭޝަން' ފީޗާއެއް ހިމަނާފައިވެއެވެ. އަދި އޭއައި ބޭނުންކޮށްގެން ހެދޭ ޝޯޓްކަޓްތަކާއި، މެސެޖެސް އެޕްގައި ޕޯލް ހެދުމަށް ލަފާދިނުމާއި، ވެބް ބްރައުޒްކުރަމުންދާއިރު ފޮޓޯތަކުން މައުލޫމާތު ހޯދައިދޭ 'ވިޝުއަލް އިންޓެލިޖެންސް' ވެސް ވަނީ އިތުރަށް ތަރައްގީކޮށްފައެވެ. އައިއޯއެސް 26ގެ އިތުރުން، އެޕަލްގެ އެހެނިހެން އޮޕަރޭޓިން ސިސްޓަމްތައް ކަމަށްވާ އައިޕެޑްއޯއެސް 26، މެކްއޯއެސް 26، ޓީވީއޯއެސް 26، އަދި ވޮޗްއޯއެސް 26އަށް ވެސް "ލިކުއިޑް ގްލާސް" ޑިޒައިން ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެޕަލްއިން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބުލިއުޑަބުލިއުޑީސީ)ގައި އައު އޮޕަރޭޓިން ސިސްޓަމްތައް އިއުލާންކޮށް، އާންމުންނަށް ނެރެނީ އެ އަހަރުގެ ފަހުކޮޅުއެވެ. އާންމުކޮށް ގިނަ އަޕްޑޭޓްތަކަކީ ކުރީގެ ފީޗާތައް ރަނގަޅުކޮށް، ކުދިކުދި އިތުރުކުރުންތައް ގެންނަ އަޕްޑޭޓްތަކެއް ނަމަވެސް، އެޕަލްއިން ވަނީ ސޮފްޓްވެއާގެ ފެންނަ ފެނުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން 2013ވަނަ އަހަރު ނެރުނު އައިއޯއެސް 7 އަކީ "ފްލެޓް ޑިޒައިން" ތައާރަފުކޮށް، އިންޓަފޭސްއަށް މުޅިން އާކަމެއް ގެނެސްދިން އަޕްޑޭޓެކެވެ. މިފަދަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އައިއޯއެސް 14ގައި ތައާރަފުކުރި ވިޖެޓްސް އާއި، އައިއޯއެސް 16ގައި ލޮކް ސްކްރީން ބޭނުންވާ ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން ހިމެނެއެވެ. އަދި ޓެކްނޮލޮޖީގެ ދުނިޔޭގައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް)ގެ ވާދަވެރިކަން ބޮޑުވަމުން އަންނައިރު، އެޕަލްއިން ވެސް އެފަދަ ފީޗާތައް ސޮފްޓްވެއާއަށް އިތުރުކުރުމަކީ އެކުންފުނީގެ އުފެއްދުންތައް ޒަމާނާ އެއްގޮތްކުރުމަށް އަޅަމުން އަންނަ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ