އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަ ހޮނިހިރު ދުވަހު އިންޓަވިއުކުރުމަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ ހަފްތާގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެއާ އެކު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލާން ހުޅުވާލި އެވެ.
ތަފްސީލް - އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ:
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
އެ ތިން ބޭފުޅުންނާ ވެސް އަންނަ ހޮނިހިރު ދުވަހު ޖޭއެސްސީން އިންޓަވިއުކުރާނެ އެވެ.
ފާހަގަކޮށްލެވޭ - މީގެ ތެރެއިން ގަނީއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު، ޖޭއެސްސީން ފޮނުވައި މަޖިލީހުން ފާސްކޮށްގެން ޑިސެމްބަރު 2019ގައި ފަނޑިޔާރުކަމުން ވަކިކުރި ބޭފުޅެކެވެ.
ޝުޖާއު އުސްމާން ވެސް ވަކިކުރަން އޭރުގެ ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި އެވެ. ޝުޖާއު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އޮގަސްޓް 2020ގަ އެވެ.
ގުޅުން ހުރި - މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ:
އާއިޝާ ޝުޖޫން މުހައްމަދު
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހިމް
ހުސައިން ރަޝީދު
މުހައްމަދު ސަލީމް
އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:
ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން؛ މަޖިލީހަށް ފޮނުވަންވީ ނަންތަކެއް ޖޭއެސްސީން ލަފައެއްގެ ގޮތުގައި ފޮނުވޭނެ
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަވިއު ހޮނިހިރު ދުވަހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ