އެޖެންޑާ ނުނިމެނީސް ދޮޅުގަޑިއިރު ތެރޭ މަޖިލިސް ޖަލްސާ ނިންމައިލައިފި
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިމެނީސް، ދޮޅުގަޑިއިރުތެރޭ މަޖިލިސް ނިންމައިލައިފިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށީ އާދައިގެމަތިން ވެސް ހެނދުނު 09:00ގައެވެ. މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ މަސައްކަތެވެ. މިއީ ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅުއްވި މައްސަލައެކެވެ. https://sun.mv/208058 މި ކުއްލި މައްސަލަ ހުށަހެޅުއްވުމާއެކު 40 މެމްބަރުންގެ ވޯޓުން މައްސަލަ ބަލައިގަނެ ބަހުސް ކުރިއަށް ގެންދިޔައެވެ. ބަހުސަށް ކަނޑައެޅި އެއްގަޑިއިރުގެ ވަގުތު ހަމަވުމުން ދެން ދިޔައީ މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކަށެވެ. މި މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ. މި ބިލަށް ބަހުސް ކުރުމަށް ދީފައި އޮތް ހަތަރު ގަޑިއިރުގެ ތެރެއިން ބާކީ އޮތީ ދެ ގަޑިއިރާ ފަންސާސް ހަތް މިނެޓެވެ. މި އިސްލާހަށް ބަހުސް ކުރިއަށް ގެންދަނިކޮށް 10:30 ވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާންގެ މައިކުން އަޑު ކަނޑައިލައިފައެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ، މިއީ މުހިންމު ބިލެއް ކަމަށާއި މި ބިލަށް ބަހުސްކުރުން ހުއްޓައި ނުލާކަމަށެވެ. "މިހާރު އަޅުގަނޑުމެން ހުސްވަގުތުކޮޅަށް ދާ ގަޑި ޖެހުނީ. އެހެންވީމައި އަޅުގަނޑު ހަމަ މި ބިލުގެ ބަހުސް އިތުރަށް ކުރިއަސް ގެންދިއުމަށްޓަކާ ބިލުގެ ބަހުސް ނިންމައި ނުލާވާހަކަ ތިޔަ އިއްޒަތްތެރި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަން. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ހަތެއް ޖުލައި 2025ވާ ހޯމަ ދުވަހުގެ 09:00ގައި. މަޖިލީސް ނިމުނީ،" އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލިސް ދޮޅު ގަޑިއިރުތެރޭ ނިންމައިލައިފައި ވާއިރު، އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަން ދިރާސާކުރުމާއި ވޯޓަށް އެހުން ވެސް އޮތެވެ. މަޖިލީހުގެ ޖަލްސާތައް ވަކި ސަބަބެއް ނާންގައި ކެންސަލްކޮށް، ބައެއް ޖަލްސާތައް ކުރުކުރާކަމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މި އަހަރުގެ ރޯދަމަހުގެ ފަހު 10ގެ ޗުއްޓީ ނިންމައި އެނބުރި މަސައްކަތަށް މަޖިލިސް އައިސް ގިނަ ޖަލްސާތައް ނުބާއްވާ ކެންސަލްކޮށްފައިވެއެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް ވަނީ މަޖިލީހުގެ ރިޔާސަތަށާއި ސަރުކާރަށް އަމާޒުވެފައެވެ. https://sun.mv/205711 މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމެޓީތަކުގެ މަސައްކަތް ގިނަ ފަހަރު ކުރިއަށް ދެއެވެ. މަޖިލީހުގެ މެންބަރުންނަކީ ދައުލަތުގެ ބަޖެޓުން, ވަރަށް ބޮޑު މުސާރައަކާއި ގިނަ އިނާޔަތްތަކެއްގެ އިތުރުން ހިމާޔަތްތަކެއް ވެސް ލިބިދީފައިވާ ބައެކެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ