ކުރިމަތިވެފައިވާ ހިތްދަތިކަމަކީ އެއްވެސް ކަމަކަށް ނުވެ ހުރެވިދާނެ ގޮތް-

ވަރަށް އާދައިގެ މިޘާލަކުން ފަށާނަމެވެ. ރޯގާއެއް ޖެހުނަސް އެއީ ބޮޑުކަމަކަށްވެ އެނދުން ތެދުވަން ބޭނުންނުވާ ބައަކުވެސް އުޅެއެވެ. އަނެއްބައަކު އެއީ މައްސަލައަކަށް ނުހަދައި ހިތްވަރުކޮށްލާފައި ތެދުވެ އެމީހަކު ކުރަންޖެހޭ ކަންކަން ކުރެވޭތޯ ބަލަނީއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ ދެމީހުންނަށްވެސް ޖެހުނީ ހަމަ ރޯގާއެވެ.
އެކަމަކީ ކިތަންމެ ކުޑަކުޑަކަމެއްކަމަށް އަހަރެމެންނަށް ޤަބޫލުކުރެވުނު ނަމަވެސް އެކަމެއް ﷲ ތަޢާލާ ބޮޑުކުރައްވަވައިފިނަމަ އެއްވެސް ކުޑަކަމެއް ނުވެއެވެ. އަދި ކިތަންމެ ބޮޑުކަމެއްކަމަށް އަހަރެމެންނަށް ޤަބޫލުކުރެވުނު ނަމަވެސް އެކަލާނގެ ކުޑަކުރައްވަވައި ދެއްވަވައިފިނަމަ ބޮޑު އެއްވެސް ކަމެއް ނުވެއެވެ. މިއީ ކީރިތި ޤުރްއާނުން އެނގެން ހުރި، ޔަޤީންކުރަންޖެހޭ ކަންކަމެވެ.
މިސާލަކަށް ޖަހާ އާދައިގެ ކުޑަކުޑަ ބިއްސެއް އެބަ ކެންސަރަށް ބަދަލުވެއެވެ. ކެންސަރުގެ އެންމެ ސީރިއަސް ޙާލަތުގައި ތިބޭ މީހުންނަށް ޝިފާ ލިބި އެބަ ގަދަވެއެވެ. މިފަދަ ކޮންމެ ކަމަކުން އަންގައިދެނީ އަހަރެމެންގެ ކިބައިގައި އެއްވެސް ބާރެއް ނެތްކަމާއި ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.
ކުރިމަތިވެފައިވާ މައްސަލައިގެ ނުވަތަ ހިތާމައިގެ ބޮޑުމިންބަލާ މީހަކަށް ކަންކަމުގެ ޙައްލު ހޯދައި އެކަންކަމުން އަރައިގަންނަން ވަރަށް ގިނަ އުނދަގޫތައް ހުންނާނެއެވެ! ނަމަވެސް ކޮންމެ ކަމަކީވެސް ﷲ ތަޢާލާއަށް ހިންމަވައިދެއްވެވޭނެ ކަމެއްކަމެއް ކަމާއި އެކަލާނގެއަށް ހިންމަވައި ނުދެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެކަމަށް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ، ކޮންމެ ކަމެއް، ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް އުފަލުންނެވެ.
ކުރިމަތިވާ ހިތްދަތިކަމާއި ތަކްލީފްތަކުގައި މިންއަޅަން އުޅުމުގެ ބަދަލުގައި ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތުގައިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން ޢިބްރަތް ޙާޞިލުކުރާށެވެ! "އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭނެވަރުގެ ތަކްލީފެއް ނުޖައްސަވާ" ކަމަށް އޮތްބަސްފުޅުންނެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ