ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުރީ 68 މިލިއަން ޑޮލަރުގައި: މެމްބަރު ސައީދު

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 68 މިލިއަން ޑޮލަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާކަންވެސް ކުރައްވާ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިގެންމިދާ މަޖިލީހުގެ ދައުރުގައި ވަރަށްބޮޑަށް ރިޒާވްގެ ވާހަކަ ދައްކަމުން ގޮސްފައިވާކަމަށެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިހާރު އެއްކޮށްހުސްވުމަކާ ގާތްވެފައިވާއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 68 މިލިއަން ޑޮލަރު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބޭނުން ކުރެވޭ ރިޒާވްގެ އަދަދު މިވަރަށް ދަށަށް ދިޔައިރު ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ އެކަން ސިއްރުކުރަމުންކަމަށާއި މިއީ ރައީސް ޞާލިހުގެ ސަރުކާރުން މިޤައުމު ވައްޓާލި ނުރައްކާތެރި ޙާލަތެއް ކަމަށެވެ.
ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް 68 މިލިއަން ޑޮލަރުގައި ހުރި ކަމަށް ސައީދު ވިދާޅުވި އިރު އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދުވަނީ 148 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ.
ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ